ބްރޯޑްކާސްޓްކުރުމުގެ ދާއިރާ ތަރައްޤީކުރުމާ ގުޅޭގޮތުން އިންޑިއާ ސަފީރާ މަޝްވަރާކުރައްވައިފި

January 20, 2022

ބްރޯޑްކާސްޓް ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި އެހީތެރިކަން ހޯދުމާއި ގުޅޭގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނު މަހަވާރްއާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ މިއަދު މަޝްވަރާކުރައްވައިފިއެވެ.

އިންޑިއާ ހައިކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވަނީ ބްރޯޑްކާސްޓް ދާއިރާއަށް މިވަގުތު އެންމެ ބޭނުންވަނީ ފަންނީ މީހުން އުފެއްދުންކަން ފާހަގަކުރައްވާ، އެކަމާ ގުޅޭގޮތުން އިންޑިއާ ހައިކޮމިޝަނާ ގުޅިގެން، އިންޑިއާ ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދިވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ބްރޯޑްކާސްޓް ދާއިރާ ހަރުދަނާކުރުމަށް އެހީތެރިކަން ބޭނުންވާ ދާއިރާތައް ފާހަގަކޮށް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް ސަފީރުގެ އަރިހަށް އެރުވުނެވެ.

ކޮމިޝަނުން ރާއްޖޭގެ ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ކުރަމުންދާ ކަންކަމާއި، ބްރޯޑްކާސްޓް ދާއިރާގައި ހުރި ގޮންޖެހުންތަކާ ގުޅޭ ގުޅޭގޮތުން މަޢުލޫމާތު ބަދަލުކުރައްވާ، ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ވެދެއްވާފައިވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ކޮމިޝަންގެ ރައީސް ޝުކުރުއަދާކުރެއްވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ސަފީރު މުނު މަހަވާރް ވިދާޅުވީ، ތަރައްޤީގެ އެކި މަސައްކަތްތަކުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދޭން ބޭނުންވާކަމަށާއި، ކޮމިޝަނުން އެދިފައިވާގޮތަށް ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް އެހީތެރިވެދެއްވާނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން ކޮމިޝަނުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައިވާ ކަންކަމަށް އިސްކަންދެއްވައިގެން އެ މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ ރޮހިތް ރަތިޝްވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގއި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ޑިރެކްޓަރ، ލީގަލް އެފެއާޒް ޝާން ޞާލިހް މުޙައްމަދާއި، ޕަބްލިކް ރިލޭޝަންސް ކޯޑިނޭޓަރ އަޙްމަދު އަރުޝަދު ޢަލީ އަދި އިންޓަރނޭޝަނަލް ރިލޭޝަންސް އޮފިސަރ މުޙައްމަދު ޞަފްވާން އަޙްމަދު އާދިލެވެ.