ގަވާއިދާ ޚިލާފަށް ބައެއް ރަށްރަށުގައި ރީބްރޯޑްކާސްޓްކުރާ މައްސަލައަށް ހައްލެއް ހޯދުމަށް މިނިސްޓަރ އޮފް ހޯމް އެފެއަރސްއާއެކު ކޮމިޝަނުން މަޝްވަރާކޮށްފި

January 19, 2020

ގަވާއިދާ ޚިލާފަށް ބައެއް ޗެނަލްތައް ބައެއް ރަށްރަށުގައި ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލާގައި މިނިސްޓަރ އޮފް ހޯމް އެފެއާރސް އިމްރާން ޢަބްދުﷲ އާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.

ރަށްރަށުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެވޭނީ ކޮމިޝަނުން ލައިސަންސް ހޯދައިގެން ކަމާއި، ނަމަވެސް ގިނަ ރަށްތަކުގައި މި ޚިދުމަތް ދިނުމަށް ލައިސަންސެއް އޮތްނަމަވެސް، އެއާ ޚިލާފަށް ބައެއް ޗެނަލްތައް ރީބްރޯޑްކާސްޓްކުރަމުންދާކަން، މިއަދު ހޯމް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ކޮމިޝަނުން ފާހަގަކުރިއެވެ.

ގަވާއިދާ ޚިލާފަށް ބައެއް ޗެނަލްތައް ބައެއް ރަށްރަށުގައި ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލަތައް ބެލުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، މައްސަލައާ ގުޅޭ މަޢުލޫމާތު ހޯދުމަށް ބައެއް ކައުންސިލްތަކުން އެއްބާރުލުން ނުދިނުމާއި، މިފަދަ މަޢުލޫމާތު ނުލިބުމުގެ ސަބަބުން މައްސަލަ ދިގުލައިގެން ދިއުމާއި، އަދި ކައުންސިލްތަކުގެ މަސްލަޙަތު ހިމެނޭ ފަރާތްތަކުން ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ދިނުން ކަންވެސް މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ވިދާޅުވިއެވެ.

އެހެންކަމުން، މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް މަސައްކަތްކޮށްދެއްވުމަށް ހޯމް މިނިސްޓަރގެ އަރިހުން ކޮމިޝަނުގެ މެމްބަރުން އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރި މައްސަލަތަކަށް ޙައްލެއް ހޯއްދަވައި ދެއްވަން މަސައްކަތް ކޮށްދެއްވާނެކަމަށް ހޯމް އެފެއާރސް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވިއެވެ.

ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ކޮމިޝަން ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.