މީޑިއާ މެދުވެރިކޮށް އިންސާނީ ޙައްޤުތައް ކުރިއެރުވުމާ ގުޅޭގޮތުން ކޮމިޝަނާއި އެޗް.އާރް.ސީ.އެމް މަޝްވަރާކޮށްފި

February 12, 2020

ރާއްޖޭގެ މީޑިއާ މެދުވެރިކޮށް، އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމާއި، ކުރިއެރުވުމަށް މަސައްކަތްކުރުމާމެދު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗް.އާރް.ސީ.އެމް) މަޝްވަރާކޮށްފިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުން އިންސާނީ ޙައްޤުތުތަކާ ބެހޭ ބައެއް ރިޕޯޓްތަކާއި މަޢުލޫމާތު ގެނެސްދެނީ ކަމާގުޅުން ހުރި އެތައް ބައެއްގެ ޙައްޤުތަކަށް އުނިކަން އަންނަ ފަދަ ގޮތަށް ކަމަށް ވިދާޅުވެ، ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި މިކަން މިއަދުގެ ބައްދަލުވުމުގައި އެޗް.އާރް.ސީ.އެމް.ގެ ރައީސް އާމިނަތު އީނާސް ފާހަގަކުރެއްވިއެވެ.

އަދި ބައެއް މީޑީއާތަކުން ފޮނުވާ މިފަދަ ކޮންޓެންޓްގައި އެންމެ އެކަށީގެންނުވާ ބަސްމަގު ބޭނުންކުރަމުންދާ ކަމަށާއި، މިފަދަ ޙާލަތްތަކުގައި ބޭނުންކުރާނެ ވަކި ކަހަލަ ލަފްޒުތަކަކާއި ބަސްތަކެއް އެކުލަވާލުމުގެ މުހިންމުކަމުގެ މައްޗަށްވެސް އެޗް.އާރް.ސީ.އެމް.ގެ ރައީސް އަލިއަޅުވާލެއްވިއެވެ.

ދެ މުއައްސަސާ ގުޅިގެން މިޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއ އާންމުން، އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދިނުމަށާއި ކުރިއެރުވުމަށް ހޭލުންތެރިކުރުމަށް ވަރަށް ފުޅާ ދާއިރާއެއްގައި މަސައްކަތްކުރެވޭނެކަމަށް ވިދާޅުވެ، މިކަމުގައި ކޮމިޝަންގެ އެއްބާރުލުމާއި އެހީތެރިކަމަށްވެސް އެޗް.އާރް.ސީ.އެމް.ގެ ރައީސް އެދިވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވި ގޮތުގައި، މީޑިއާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަފާތު ދާއިރާތަކަށް ޚާއްޞަ ނޫސްވެރިން ނެތުން ކަމަށާއި، މިކަމުގެ ސަބަބުން މީޑިއާ މެދުވެރިކޮށް އާންމުންނަށް ފެންވަރު ރަގަޅު ޚަބަރާއި މަޢުލޫމާތު ފޯރުވައިނުދެވޭ ކަމަށް ވިދާޅުވެ، ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

އަދި ދެ މުއައްސަސާ ގުޅިގެން ކުރެވޭނެ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވައި، މި ބައްދަލުވުމުގައި އެޗް.އާރް.ސީ.އެމް.ގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކަށް ޙައްލު ހޯދުމަށް ކޮމިޝަންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ކޮމިޝަންގެ ރައީސް ދެއްވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، އެ ކޮމިޝަނުގެ ރައީސް އާމިނަތު އީނާސްއާއި، ނައިބު ރައީސް މުޙައްމަދު ޒާހިދާއި، ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ޔާމީން އިބްރާހީމެވެ.

ކޮމިޝަންގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.