އިސްލާމިކް އެފެއާޒް މިނިސްޓަރާ ކޮމިޝަނުން ބައްދަލުކޮށްފި

February 5, 2020

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބަލާފައިވާ ބައެއް މައްސަލަތަކާއި އަދި ބަލަމުންދާ ބައެއް މައްސަލަތަކާމެދު މަޝްވަރާކޮށް ލަފާހޯދުމުގެ ގޮތުން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑރ. އަޙުމަދު ޒާހިރާ އެކު ކޮމިޝަނުން މަޝަވަރާކޮށްފިއެވެ.

ކޮމިޝަނުން ބަލަމުންގެންދާ ބައެއް މައްސަލަތަކަކީ އެ ކަންކަމުގައި ދީނީ ރަޢުޔު ބޭނުންވާ މައްސަލަތައް ކަމުގައި ފާހަގަކުރައްވާ، އެ ކަމުގައި އިސްލާމިކް އެފެއާޒް މިނިސްޓްރީގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާކަމަށް ވިދާޅުވެ، މި ކަމުގައި އެ މިނިސްޓްރީގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ކޮމިޝަންގެ މެމްބަރުން މި ބައްދަލުވުމުގައި އެދިވަޑައިގެންނެވިއެވެ.

އަދި ދެ މުއައްސަސާ ގުޅިގެން ކުރެވިދާނެ ގިނަ މަސައްކަތްތަކަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި، ކޮމިޝަންގެ މެމްބަރުން އިސްލާމިކް އެފެއާޒް މިނިސްޓަރާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ އަޙްމަދު ޒާހިރު، ދެ މުއައްސަސާއިން އެކި މަސައްކަތްތަކުގައި ދެމުންދާ ފުރިހަމަ އެއްބާރުންލުން ފާހަގަކުރައްވައި އަދި މުސްތަޤުބަލުގައި ވެސް މި ގުޅުން މި ގޮތުގައި ކުރިއަށްދާނެކަމަށް ވިދާޅުވިއެވެ. އަދި މިއަދުގެ މި ބައްދަލުވުމުގައި ކޮމިޝަނުން އެދިފައިވާ ކަންކަމުގައި އެ މިނިސްޓްރީން ވެދެއްވެން އޮތް ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމަށް ވެސް ވިދާޅުވިއެވެ.

ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.