December 12, 2019
ރާއްޖޭގެ މީޑިއާގެ ތަރައްޤީއަށާއި ކުރިއެރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި އިންފޮރމޭޝަން ކޮމިޝަނަރސް އޮފީހާ ދެމެދު މަޝްވަރާކޮށްފިއެވެ.
އިންފޮރމޭޝަން ކޮމިޝަނަރސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި، ރާއްޖޭގެ މީޑިއާއަށް ޒަމާނީ ތަރައްޤީ ބޭނުންވާ ކަން ފާހަގަކުރައްވައި، މަޢުލޫމާތު ހާމަކުރުމުގައި ޒިންމާދާރު ނޫސްވެރިން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށް ކޮމިޝަންގެ މެމްބަރުންނާއި އިންފޮރމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާ ވާހަކަފުޅު ދެއްކެވިއެވެ.
މި ދެ މުއައްސަސާގެ އިތުރުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި ގުޅިގެން، މީޑިއާގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކޮށް، މަސައްކަތް ކުރުމަށް، ޚާއްސަ ބައްދަލުވުމެއް ބޭއްވުމަށް ނިންމުނެވެ.
މީޑިއާއާއި ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ކޮމިޝަންގެ ބައިވެރިވުމާއި ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގައި، މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ވިދާޅުވިއެވެ.
އިންފޮރމޭޝަން ކޮމިޝަނަރސް އޮފީހުގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، އިންފޮރމޭޝަން ކޮމިޝަނަރު ޙުސައިން ފިޔާޒު މޫސާއާއި، ޑިރެކްޓަރ ޖެނެރަލް، ޙަސަން ޝާކިރު މުޙައްމަދާއި، ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު އަޙްމަދާއި، ޑިރެކްޓަރ، ލީގަލް އެފެއާޒް، ފާޠިމަތު ސައުސަނާ އަދި އެސިސްޓެންޓް ބިއުރޯ އޮފިސަރ ފާޠިމަތު ނަފްޙާ ނަޢީމެވެ. ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސްގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި، ކޮމިޝަނަރ އާމިނަތު ސަރާޙަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަހީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.