ބްރޯޑްކާސްޓަރުން ތަމްރީނުކުރުމާ ގުޅޭގޮތުން އިންޑިއާ ހައިކޮމިޝަނަރާ މަޝްވަރާކުރައްވައިފި

February 6, 2020

ބްރޯޑްކާސްޓް ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމުގެ މަޤްޞަދުގައި ބްރޯޑްކާސްޓަރުން ތަމްރީނުކުރުމަށް ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ސަންޖޭ ސުދިރްއާ އެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މެމްބަރުން މިއަދު މަޝްވަރާކުރައްވައިފިއެވެ.

ބްރޯޑްކާސްޓް ދާއިރާގައި ތަމްރީނު ލިބިގެން މަސައްކަތްކުރާ ނޫސްވެރިންނާއި ފަންނީ މީހުން މަދުކަން ފާހަގަކުރައްވައި، މިވަގުތު އެންމެ ބޭނުންވަނީ ތަމްރީނާއި ތަޖުރިބާ ހުރި ފަންނީ މީހުން މިދާއިރާއަށް ނެރުން ކަމަށް، އިންޑިއާ ހައިކޮމިޝަންގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރުން ވިދާޅުވިއެވެ.

މިގޮތުން، އިންޑިއާ ހައިކޮމިޝަނާ ގުޅިގެން، އިންޑިއާ ސަރުކާރުގެ އެހީގައި ފަންނީ މީހުން ބިނާކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމްތަކެއް އިންތިޒާމްކޮށްދެއްވުން އެދި ކޮމިޝަނުން ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލްގެ މަޢުލޫމާތު ހައިކޮމިޝަނަރ ސަންޖޭ ސުދިރްއާ ޙިއްޞާކޮށް ވަނީ ހުށަހަޅާފައެވެ.

މީގެއިތުރުން، ހައިކޮމިޝަނަރ ސަންޖޭ ސުދިރްގެ އަރިހަށް ޒިޔާރަތްކުރުމަށް ކޮމިޝަނަށް ފުރުޞަތު ދެއްވީތީ އެކަމާ ޝުކުރު އަދާކުރައްވާކަމަށް ވިދާޅުވެ، އިންޑިއާ ހައިކޮމިޝަނުން ރާއްޖެއާ މެދު ބަހައްޓަވާ ގާތް ކަމަށާއި އަދި ޚާއްޞަކޮށް މީޑިއާ އަދި ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ވެދެއްވާ އެހީތެރިކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

މިބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ހައިކޮމިޝަނަރ ސަންޖޭ ސުދިރް ވިދާޅުވީ، ތަރައްޤީގެ އެކި މަސައްކަތްތަކުގައި އިންޑިއާއިން އަބަދުވެސް ރާއްޖެއަށް އެއްބާރުލުމާއި އެހީތެރިކަން ދޭން ބޭނުންވާކަމަށާއި، ކޮމިޝަނުން އެދިފައިވާގޮތަށް ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް އެހީތެރިވެދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން ކޮމިޝަނުން ހުށަހަޅާފައިވާ ޕްރޮޕޯޒަލްގައިވާ ކަންކަން ފަހިކޮށްދިނުމަށްޓަކައި މަސައްކަތްކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އިންޑިއާ ހައިކޮމިޝަންގެ ޑެޕިއުޓީ ހައިކޮމިޝަނަރ ރޮހިތް ރަތިޝްވެސް ބައިވެރިވެވަޑައިގެންނެވި މި ބައްދަލުވުމުގއި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.