ބްރޯޑްކާސްޓަރުން ތަމްރީނުކުރުމާ ގުޅޭގޮތުން އައި.ޔޫ.އެމް.އާއެކު ކޮމިޝަނުން މަޝްވަރާކޮށްފި

July 15, 2020

ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް ބޭނުންވާ މުހިންމު ކުރު މުއްދަތުގެ މީޑިއާ ޓްރެއިނިންގ ޕްރޮގްރާމްތަކެއް ރާވައި، ހިންގުމާ ގުޅޭގޮތުން އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫ.އެމް)އާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.

މިއަދު ބޭއްވި މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވި ގޮތުގައި، އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތައް ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ނެތުމުގެ ސަބަބުން ދާއިރާގެ ތަރައްޤީއަށް ހުރަސް އެޅިފައިވާ ކަމާއި، ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން ކަމަށެވެ.

އަދި ދާއިރާއަށް ބޭނުންވާ މުހިންމު ތަމްރީނުތައް ދެނެގަތުމާއި، ތަމްރީނުތައް ހަމަޖައްސާނެ ގޮތްތަކާ ގުޅޭ ގޮތުން، ކަމާގުޅޭ އެކި ފަރާތްތަކާ މަޝްވަރާކުރައްވަމުންދާ ކަމަށް ވެސް ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

ދެ މުއައްސަސާ ގުޅިގެން ބްރޯޑްކާސްޓަރުން ތަމްރީނު ކުރުމަށް ހިންގިދާނެ ޕްރޮގްރާމްތަކާ މެދު ފުޅާ ދާއިރާއެއްގައި މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި މިކަމުގައި އައި.ޔޫ.އެމްގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހީމް ޒަކަރިއްޔާ މޫސާ ދެއްވިއެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި އައި.ޔޫ.އެމް.ގެ ފަރާތުން އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރގެ އިތުރުން، އެ ޔުނިވަރސިޓީގެ ބައެއް އިސްވެރިންވެސް ބައިވެރިވެވަޑައިގަތެވެ.

ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ކޮމިޝަނަރ އަމްޖަދު ވަހީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފާއި، ކޮމިޝަނަރ އާމިނަތު އަމީނާ އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.