January 23, 2020
ރާއްޖޭގެ މީޑިއާއަށް އަމާޒުކޮށް ހިންގުމަށް ހަމަޖެހިފައިވާ ތަމްރީން ޕްރޮގްރާމާއި، އަދި މިފަދަ އިތުރު ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން “މީޑިއާ ފޮރ ޑިމޮކްރަސީ”އާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަޝްވަރާކޮށްފިއެވެ.
ބެލްޖިއަމްގެ ބްރަސަލްސްގައި ޤާއިމްވެފައިވާ، “މީޑިއާ ފޮރ ޑިމޮކްރަސީ”އަކީ ޔޫރަޕިއަން ޔޫނިއަން (އީ.ޔޫ)ގެ ފަންޑިންގގެ ދަށުން، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކުރިއެރުވުމުގެ ގޮތުން، ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ.
ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކުރިއރުވުމާއި ހިތްވަރުދިނުމުގެ ގޮތުން، ރާއްޖޭގެ މީޑިއާގެ ފަރާތްތަކަށް އަމާޒުކޮށް ރާވާ ހިންގުމަށް ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމާ ގުޅޭ މަޢުލޫމާތު މިއަދުގެ މި ބައްދަލުވުމުގައި،”މީޑިއާ ފޮރ ޑިމޮކްރަސީ”ގެ ފަރާތުން މާލެ ވަޑައިގެން އުޅުއްވާ އިސް އޮފިޝަލުން ދެއްވިއެވެ.
މި ޕްރޮގްރާމާ ގުޅޭގޮތުން، ރާއްޖޭގެ މީޑިއާގެ ގިނަ ފަރާތްތަކަކާ މި ޖަމިއްޔާއިން ބައްދަލުކޮށްފައިވާ ކަމަށާއި، މި ތަމްރީނު ޕްރޮގްރަމުގައި ބައިވެރިވުމުގެ ފުރުސަތު އެފަރާތްތަކަށް ހުޅުވާލާފައިވާކަމަށް ވިދާޅުވިއެވެ.
މި ފަދަ ތަމްރީނު ޕްރޮގްރާމުތަކުގައި މީޑިއާ ޒިންމާދާރުކުރާ ފަރާތްތަކުގެ ބައިވެރިވުން މުހިންމަކަމަށް ވިދާޅުވެ، ކޮމިޝަނުން މި ޕްރޮގްރާމްގައި ބައިވެރިވުމަށްވެސް ދަޢުވަތުދީފައިވެއެވެ.
މި ފަދަ ތަމްރީނު ޕްރޮގްރާމެއް ރާއްޖެއަށް އަމާޒުކޮށް، ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ، “މީޑިއާ ފޮރ ޑިމޮކްރަސީ”އަށް ކޮމިޝަންގެ މެމްބަރުން ޝުކުރުއަދާކުރެއްވިއެވެ.
އިތުރަށް ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރުން ފާހަގަކުރެއްވިގޮތުގައި، ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ފަންނީ މީހުން ބޭނުންވާ ކަމަށާއި، ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރަމުންދާ އެއް މަސައްކަތަކީ މި ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުން ކަމުގައި މެމްބަރުން ވިދާޅުވިއެވެ.
ރާއްޖޭގެ މީޑިއާއާއި އަދި ޚާއްޞަކޮށް ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ތަމްރީނާއި، މި ތަމްރީނުތައް ހަމަޖައްސާނެ ގޮތްތަކާ ބެހޭގޮތުންވެސް “މީޑިއާ ފޮރ ޑިމޮކްރަސީ”އާއެކު ކޮމިޝަންގެ މެމްބަރުން މަޝްވަރާކުރެއްވިއެވެ.
މިއަދުގެ މި ބައްދަލުވުންތަކުގައި ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.