December 25, 2019
ހުރިހާ އިންތިޚާބީ، އައްޔަންކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ތިމާވެށި ރައްކާތެރިކުރުމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް”ތިމާވެށީ މައްތިނި”ގެ ނަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން 2018 ވަނަ އަހަރު ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.
ކޮމިޝަންގައި މިއަދު ހެނދުނު ބޭއްވި މި ސެޝަންގައި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ޓީމުން ދެއްވި ޕްރެޒެންޓޭޝަނުގައި، ރާއްޖޭގެ ތިމާވެށީގެ ޙާލަތާއި، ތިމާވެށި ޙިމާޔަތް ކުރުމަށް މިނިސްޓްރީން ކުރަމުންދާ މަސައްކަތްތަކާއި، ތިމާވެށި ރައްކާތެރިކުރުމަށް ސަރުކާރުން އެކަށައަޅާފައިވާ ސިޔާސަތުތަކުގެ މަޢުލޫމާތާއި އަދި ފަރުދީ ގޮތުން ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭ މަޢުލޫމާތުވެސް ދެއްވިއެވެ.
ކޮމިޝަންގެ މެމްބަރުންނާއި މުވައްޒަފުން ބައިވެރިވި މި ސެޝަންގައި ވާހަކަ ދައްކަވަމުން މެމްބަރުން ފާހަގަކުރެއްވި ގޮތުގައި، މި ސެޝަންގެ ސަބަބުން ރާއްޖޭގެ ތިމާވެށްޓާ ބެހޭ ވަރަށް މުހިންމު މަޢުލޫމާތާއި، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވިދާނެ މުހިންމު މަޢުލޫމާތުތަކެއް ލިބުނުކަންވެސް ފާހަގަކުރެއްވިއެވެ.
ތިމާވެށި ރައްކާތެރިކުރުމަށް ހުރިހާ ފަރާތްތަކަކުންވެސް ޒިންމާދާރު މަސައްކަތްތަކެއް ކުރަންޖެހޭކަން ފާހަގަކުރެއްވައި، މިނިސްޓްރީއާއި، ކޮމިޝަނާ އަދި ބްރޯޑްކާސްޓަރުން ގުޅިގެން، ތިމާވެށި ހިމާޔަތްކުރުމަށް މީޑިއާގެ ޒަރީޢާއިން އުފެއްދުންތެރި، ބިނާކުރަނިވި މަސައްކަތްތަކެއް ކުރުމުގެ މުހިންމުކަމުގެ މައްޗަށް މެމްބަރުން ވާހަކަފުޅު ދެއްކެވިއެވެ. އަދި މިފަދަ މަސައްކަތްތައް ކުރުމުގެ ޝައުޤުވެރިކަން ފާޅުކުރައްވައި، މި ފަދަ ކަންކަމަށް ކޮމިޝަންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.