ނޫސްވެރިކަމުގެ އެވޯޑް ހާސިލްކުރި ނޫސްވެރިންނަށް ކޮމިޝަނުން މަރުހަބާ ކިޔައިފި

October 31, 2024

މޯލްޑިވްސް މީޑިއާ ކައުންސިލް އިން ދިން 11 ވަނަ ނޫސްވެރިންކަމުގެ އެވޯޑް ހާސިލް ކުރި ނޫސްވެރިންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މަރުހަބާ ކިޔައިފި އެވެ.

މީޑިއާ ކައުންސިލުން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމުގައިވާ “ހަޔާތީ އަރުތަ” ހޯއްދެވި ދެބޭފުޅުން ކަމުގައިވާ އަހުމަދު ޒާހިރު (ފެއަރީ) އަދި މޫސާ ލަތީފް އަށް ކޮމިޝަނުން ވަރަށް   ހާއްސަ މަރުހަބާއެއް ދަންނަވައެވެ.

އަދި ވަކި ވަކި ކެޓަގަރީތަކުން އިނާމް ހޯއްދެވި ނޫސްވެރިންނާއި، އަހަރުގެ އެންމެ މޮޅު ކަވަރޭޖް އިނާމް ހޯއްދެވި ފަރާތައި،އުންމީދީ ނޫސްވެރިޔާ އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އަށް ކޮމިޝަނުން  ހޫނު މަރުހަބާ އެއް ދަންނަވައެވެ.

މީޑިއާ ކައުންސިލުން ނޫސްވެރިން ކުރާ ބުރަ މަސައްކަތް އަގުވަޒަން ކުރުމަށް މި އެވޯޑާއި ޝަރަފު ދެއްވާ ކަމީ ރާއްޖޭގެ ނޫސްވެރިކަން ފެންވަރު ރަނގަޅުވެ، ނޫސްވެރިކަން ކުރިއެރުމަށް ކުރެވޭ މުހިއްމު ކަމެއް ކަމުގައި ކޮމިޝަނުން ދެކެ އެވެ.

ބުދަ ދުވަހުގެ ރޭ އޮތް ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް މަރިޔަމް ވަހީދާ އަދި ނައިބު ރައީސް އަހުމަދު ފަޒީން ގެ އިތުރުން ކޮމިޝަންގެ ހުރިހާ މެންބަރުން އަދި ސެކްރެޓަރީ ޖެނެރަލް ބައިވަރުވަޑައިގަތެވެ.