ރާއްޖޭގެ މީޑިއާގެ ކުރިމަގާ ގުޅޭގޮތުން އެމް.އެމް.ސީ.އާއެކު ކޮމިޝަނުން މަޝްވަރާކޮށްފި

January 9, 2020

ރާއްޖޭގެ މީޑިއާގެ ކުރިމަގާ ގުޅޭ ގޮތުންނާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން، މީޑިއާގެ ތަރައްޤީއަށް ކުރަންޖެހޭ އެންމެ މުހިންމު ކަންތައްތައް ދެނެގަތުމުގެ ގޮތުން ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.

މިއަދު ބޭއްވި މިބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވި ގޮތުގައި، ދެ މުއައްސަސާގެވެސް މައިގަނޑު މަސައްކަތްތަކަކީ މީޑިއާގެ ތަރައްޤީއަށް މަސައްކަތްކުރުން ކަމަށް ވިދާޅުވެ، ދެ ފަރާތް ގުޅިގެން މަސައްކަތްކުރާނަމަ، އަވަހަށް ނަތީޖާ ނެރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގެ މީޑިއާގެ ދާއިރާ ކުރިއެރުވުމަށް މީޑިއާ ކައުންސިލުން ކުރާ މަސައްކަތްތަކުގައި ކޮމިޝަންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ، ދެ މުއައްސަސާ ގުޅިގެން މީޑިއާގެ ތަރައްޤީއަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާ، މި ދާއިރާގެ ތަރައްޤީއަށް މަސައްކަތްކުރުމަށް ހުރި ގޮންޖެހުންތަކުން އަރައިގަނެ، މީޑިއާގެ ކުރިމަގަށް ހެޔޮ ބަދަލެއް ގެނައުމަށް މީޑިއާ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. އަދި ރާއްޖޭގެ މީޑިއާގެ ތަރައްޤީއަށް ކޮމިޝަނުން ކުރާ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެ ކަމުގައި މީޑިއާ ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި މައިގަނޑު ކަންބޮޑުވުމެއްގެ ގޮތުގައި ދެ މުއައްސަސާގެ މެމްބަރުން ފާހަގަކުރެއްވީ، އެކަށީގެންވާ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތައް ނެތުމުގެ ސަބަބުން ދާއިރާގެ ތަރައްޤީއަށް ހުރަސް އެޅިފައިވުމެވެ. އަދި ދެ ފަރާތް ގުޅިގެން، އެންމެ އިސްކަމެއް ދީގެން ކުރަންޖެހޭ މަސައްކަތަކީ މީޑިއާގެ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުން ކަމަށް ވިދާޅުވެ، ދާއިރާއަށް ބޭނުންވާ ތަމްރީނުތައް ދެނެގަތުމާއި، ތަމްރީނުތައް ހަމަޖައްސާނެ ގޮތްތަކާ ގުޅޭ ގޮތުން، ޚިޔާލު ބަދަލުކުރައްވައި، މަޝްވަރާކުރެއްވިއެވެ.

މީޑިއާގެ މިނިވަންކަމަށާއި ޒިންމާދާރު ނޫސްވެރިކަން ކުރިއެރުވުމަށާއި އަދި މި ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ދެ ފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް ވަރަށް ފުޅާ ދާއިރާއެއްގައި ދެ މުއައްސަސާގެ މެމްބަރުން މަޝްވަރާކުރެއްވިއެވެ.

އަދި މި ދެ މުއައްސަސާގެ އިތުރުން، އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީހާ ގުޅިގެން، މީޑިއާގެ ކުރިމަގާ ގުޅޭގޮތުން މަޝްވަރާކޮށް، މަސައްކަތް ކުރުމަށް، ޚާއްސަ ބައްދަލުވުމެއް ވަރަށް އަވަހަށް ބޭއްވުމަށްވެސް ނިންމުނެވެ.

މިއަދު ބޭއްވި މި ބައްދަލުވުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކައުންސިލްގެ ރައީސް ހިދާޔަތުﷲ އާއި، ނާއިބު ރައީސް އަޙްމަދު އާޒިފާއި، ކައުންސިލް މެމްބަރުން ކަމުގައިވާ ޝިފްޒާ މުސްޠަފާއާއި، ޢަބްދުއްލަޠީފު އަޙްމަދާއި، ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ފަރުޞަތާއި، ޑިރެކްޓަރ ޖެނެރަލް ފާޠިމަތު މުނާއެވެ.

ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އާމިނަތު ސަރާޙަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަހީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.