December 15, 2019
މީޑިއާނެޓުން ރީބްރޯޑްކާސްޓިންގގެ ޚިދުމަތްދިނުމަށް ހުރި ދަތިތަކާ ގުޅޭގޮތުންނާ އަދި މި ޚިދުމަތް ފުޅާކުރުމަށް ކުރާ މަސައްކަތްތަކާ ގުޅޭގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާ އެކު މިއަދު މަޝްވަރާކޮށްފިއެވެ.
މި ބައްދަލުވުމުގައި، ރީބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށާއި، ވާދަވެރި މާޙައުލެއްގައި މި ޚިދުމަތް ފުޅާކުރުމަށް ހުރި ގޮންޖެހުންތަކާ އަދި ޤާނޫނީ ގޮތުން މި ޚިދުމަތް ދިނުމަށް ހުރި ހުރަސްތަކާ ބެހޭގޮތުން ކޮމިޝަނާއެކު ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރިއެވެ.
މިއަދުގެ ބައްދަލުވުމުގައި މީޑިއާނެޓުން ފާހަގަ ކުރެއްވި ކަންބޮޑުވުންތައް ޙައްލުކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ކޮމިޝަންގެ ރައީސާއި މެމްބަރުން ދެއްވިއެވެ. އަދި ރީބްރޯޑްކާސްޓިންގެ ޚިދުމަތް ރާއްޖެއަށް ފުޅާކުރުމަށް އެހީތެރިވުމާއި، ޤާނޫނުން ލާޒިމްކުރާ ކަންކަން ފުރިހަމަކުރުމަށް ކޮމިޝަން މަސައްކަތްކުރާނެ ކަމަށްވެސް މެމްބަރުން މިއަދުގެ ބައްދަލުވުމުގައި ވިދާޅުވިއެވެ.
މީޑިއާނެޓްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރ، ފައިނޭންސް، އަޙްމަދު ނާޝިދާއި، ޗީފް އެގްޒެކެޓިވް އޮފިސަރ އަޙްމަދު ޝާފިޢުއާއި، އެގެޒެކެޓިވް އެސިސްޓަންޓް އާމިނަތު މަލްސާ ޢަބްދުލްޣަފޫރެވެ. ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.