January 12, 2020
ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިމަގާ ގުޅޭ ގޮތުންނާއި، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި، ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް) ގުޅިގެން، ދާއިރާގެ ތަރައްޤީއަށް ކުރެވޭނެ މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފިއެވެ.
ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފައިވާ ސިލްސިލާގެ ދަށުން ބޭއްވި މި ބައްދަލުވުމުގައި، ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރުން ވިދާޅުވީ، ބްރޯޑްކާސްޓް ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަކީ، ކޮމިޝަންގެ މެންޑޭޓްގައި ހިމެނޭ ވަރަށް މުހިންމު ބައެއް ކަމަށާއި، ވަރަށް ޚާއްޞަ އިސްކަމެއްދީގެން، ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމުގައެވެ.
އަދި ބްރޯޑްކާސްޓަރުންނަށް ތަމްރީނު ބޭނުންވާ ދާއިރާތައް ދެނެގަތުމާއި، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތުތައް ރާއްޖެއާއި ބޭރު ޤައުމުތަކުން ހަމަޖެއްސުމަށް މަސައްކަތް ކުރައްވާކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ކޮމިޝަނާއި ޕީ.އެސް.އެމް ގުޅިގެން ބްރޯޑްކާސްޓް ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ޕީ.އެސް.އެމް.ގެ “މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް”ގައި ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމާ ގުޅޭގޮތުން މަޢޫލޫމާތު ހޯއްދެވިއެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ޕީ.އެސް.އެމް.ގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވި ގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ބައެއް ފަރާތްތަކުން، ޕީ.އެސް.އެމް.ގެ މުއައްޒަފުންނާ މެދު ސާބިތު ނުހިފޭ ވާހަކަ ފެތުރުމާއި، ޖެއްސުން ކުރުމުގެ އަމަލުތައް ތަކުރާރުވުން ކަން ފާހަގަކުރައްވައި، މިފަދަ ކަންކަމަށް އެކަށީގެންވާ ޙައްލެއް ހޯއްދެވުމަށް ކޮމިޝަނުން މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގަތެވެ.
ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ތަރައްޤީއަށް ކޮމިޝަނުންގެ ކުރަމުންދާ މަސައްކަތްތަކުގައި ޕީ.އެސް.އެމް.ގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވެ، ޕީ.އެސް.އެމް.ގެ “މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް”ގައި ތަމްރީން ޕްރޮގްރާމްތަކެއް ހިންގުމުގެ ފުރުސަތު އޮންނާނެ ކަމަށާއި، އެކަމަށް ބޭނުންވާ އެއްބާރުލުންވެސް ދެއްވާނެ ކަމަށް މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވިއެވެ.
ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ޤާއިމުކުރުމަށް ސަރުކާރުން ނިންމަވާފައިވާ “އިންޓަގްރޭޓެޑް ސާވިސް ޑިޖިޓަލް ބްރޯޑްކާސްޓިން- ޓެރެސްޓްރިއަލް” (އައި.އެސް.ޑީ.ބީ.ޓީ) ނެޓްވޯރކް މަޝްރޫޢުގެ މަސައްކަތްތަކާ ގުޅޭ ގޮތުންނާއި، މިހާރު ކޮމިޝަނުން ބްރޯޑްކާސްޓަރުންނާ އެކު ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގައި ބައެއް ބްރޯޑްކާސްޓަރުން ފާހަގަކޮށްފައިވާ، ޕީ.އެސް.އެމް.ގެ ކޮންޓެންޓް ފަސޭހައިން ލިބޭނޭ ފަދަ “ކޮންޓެންޓް ޝެއަރިންގ ޕޯރޓަލް” އެއް ޤާއިމްކުރުމުގެ މުހިންމު ކަމާއި، އަދި ރާއްޖޭގައި “ކޮމިއުނިޓީ ބްރޯޑްކާސްޓިންގ” ޤާއިމްކުރުމާ ގުޅޭގޮތުން ވެސް، މި ބައްދަލުވުމުގައި، ދެ ފަރާތުން ޚިޔާލު ބަދަލުކޮށް، މަޝްވަރާ ކުރިއެވެ.
މި ބައްދަލުވުމުގައި، ޕީ.އެސް.އެމް.ގެ ފަރާތުން ބައިވެރިވެވަޑައިގަތީ، މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދާއި، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަމީމެވެ.
ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ، ކޮމިޝަން ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.