ބްރޯޑްކާސްޓްކުރުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ރާއްޖެ ޓީވީއާއެކު ކޮމިޝަނުން މަޝްވަރާކޮށްފި

January 13, 2020

ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފައިވާ ސިލްސިލާގައި މިއަދު ކޮމިޝަނުން ބައްދަލުކުރީ ރާއްޖެ ޓީވީއާއެވެ.

މިބައްދަލުވުމުގައި، ރާއްޖެ ޓީވީގެ އިސް އޮފިޝަލުން ފާހަގަކުރެއްވި މައިގަނޑު އެއް ކަންބޮޑުވުމަކީ ވޭތުވެދިޔަތަނުގައި، ކޮމިޝަނުން ބްރޯޑްކާސްޓާރުންނާ ދެކޮޅަށް އަޅާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް އެޅިފައިވާ ހުރަސްތަކާ މެދުއެވެ. އަދި ބްރޯޑްކާސްޓަރުންގެ ޙައްޤުގައި ކޮމިޝަނުން އިތުރު މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް މިއަދުގެ ބައްދަލުވުމުގައި ރާއްޖެ ޓީވީގެ އިސް އޮފިޝަލުން އެދިވަޑައިގަތެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރުން ވިދާޅުވީ، ބްރޯޑްކާސްޓް ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަކީ، ކޮމިޝަންގެ މެންޑޭޓްގައި ހިމެނޭ ވަރަށް މުހިންމު ބައެއް ކަމަށާއި، ވަރަށް ޚާއްޞަ އިސްކަމެއްދީގެން، ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމުގައި މެމްބަރުން ވިދާޅުވިއެވެ.

އަދި ކޮމިޝަންގެ މިހާރުގެ އަމާޒަކީ، ބްރޯޑްކާސްޓަރުންނާ ވީހާވެސް ގުޅިގެން މަސައްކަތް ކުރުން ކަމަށާއި، ބްރޯޑްކާސްޓަރުންގެ ޙައްޤުގައި ކޮމިޝަނުން އިތުރު މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަންވެސް ކޮމިޝަންގެ މެމްބަރުން ދެއްވިއެވެ.

ރާއްޖެ ޓީވީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، އެ ސްޓޭޝަންގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިންގ އޮފިސަރ ނާޒުމީ ސަޢީދާއި، ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމާއި، ރާއްޖެ ޓީވީގެ ވަކީލު މުޢައްވިޒު ރަޝީދެވެ.

ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ކޮމިޝަން ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި، ކޮމިޝަނަރ އަމްޖަދު ވަޙީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.