December 29, 2019
ބްރޯޑްކާސްޓިންގ ޚިދުމަތް ދިނުމަށް ހުރި ދަތިތަކާއި އަދި ބްރޯޑްކާސްޓް ދާއިރާގެ ކުރިމަގާ ގުޅޭގޮތުން ބްރޯޑްކާސްޓަރުންނާ މަޝްވަރާކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށައިފައިވާ ސިލްސިލާގައި މިއަދުވެސް އިތުރު ތިން ބްރޯޑްކާސްޓަރުންނާއެކު މަޝްވަރާ ބައްދަލުވުންތައް ބާއްވައިފިއެވެ.
ދިވެހި ޗެނަލްއާއެކު މިއަދު ބޭއްވި ބައްދަލުވުމުގައި އެ ޗެނަލްގެ ޑިރެކްޓަރ ފާޠިމަތު ސުއާދު ވިދާޅުވީ، އެ ޗެނަލުން ފޮނުވާ ކޮންޓެންޓް އަމާޒު ކުރަނީ، އިޖްތިމާޢީ މައްސަލަތަކަށާއި، ގެވެށި އަނިޔާގެ މައްސަލަތަކަށާއި އަދި ޖުމްލަކޮށް އިންސާނީ ޙައްޤުތައް ދެމެހެއްޓުމަށް ބާރު އެޅުމަށެވެ.
ބްރޯޑްކާސްޓް ދާއިރާގެ ތަރައްޤީއަށް އެންމެ ފުރިހަމައަށް މަސައްކަތް ކުރެވޭނީ ބްރޯޑްކާސްޓަރުންނާއި ކޮމިޝަންގެ މެދުގައި ރަގަޅު ގުޅުމެއް އޮވެގެން ކަމުގައި ފާހަގަކުރައްވައި، ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ ފެންވަރު މަތިކުރުމަށް ބޭނުންވާ ތަމްރީނުގެ ފުރުސަތުތައް ހަމަޖައްސަވައިދެއްވުމަށް ކޮމިޝަނުން އިތުރު މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް ފާޠިމަތު ސުއާދު އެދިވަޑައިގެންނެވިއެވެ.
ސްކައި ޗެނަލްއާއި ރާއްޖެ ޓިއުން ޗެނަލް ހިންގާ ޑްރީމް ސޮލިއުޝަންސް ޕްރައިވެޓް ލިމިޓެޑާއެކު ކޮމިޝަންގެ މެމްބަރުން ބޭއްވި ބައްދަލުވުމުގައި، އެ ޗެނަލްތަކުގެ އިސް އޮފިޝަލުން ފާހަގަކުރެއްވި މައިގަނޑު ކަންބޮޑުވުންތަކަކީ، ބްރޯޑްކާސްޓިންގގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށް ހުރި މާލީ ގޮންޖެހުންތަކާއި، ޗެނަލް ރައިޑްކުރުމަށް ބްރޯޑްކާސްޓަރުން އަތުން ނަގާ ފީ ބޮޑުވުމެވެ. އަދި ކޮމިޝަނަށް ދައްކަންޖެހޭ ބްރޯޑްކާސްޓް ލައިސަންސްގެ އަހަރީ ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށްވެސް އިސް އޮފިޝަލުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުވުންތަކުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ މެމްބަރުން ވިދާޅުވީ، ހުރިހާ ބްރޯޑްކާސްޓަރުންވެސް ފާހަގަ ކުރާ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ޗެނަލް ރައިޑް ކުރުމަށް ބްރޯޑްކާސްޓަރުން އަތުން ރީބްރޯޑްކާސްޓަރ ނަގާ ފީ ބޮޑުވުމުގެ މައްސަލަކަން ފާހަގަކުރައްވައި، ކޮމިޝަނުން މިކަމާ މެދު ޙައްލެއް ހޯދުމަށް ކަމާގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމުގެ އިތުރުން، އިތުރު މަސައްކަތްވެސް ކުރައްވާނެ ކަމަށް މެމްބަރުން ވިދާޅުވިއެވެ އަދި ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް ފަންނީ މީހުން ބޭނުންވާކަން ފާހަގަކުރައްވައި، ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ކުރާނެ އެއް މަސައްކަތަކީ މި ދާއިރާއަށް ބޭނުންވާ އުފެއްދުންތެރި މީހުން ބިނާކުރުމަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުން ކަމުގައި މެމްބަރުން ވިދާޅުވިއެވެ.
މިއަދުގެ މި ބައްދަލުވުންތަކުގައި، ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޢަލީ ޔޫސުފާއި އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.