ރިސޯޓްތަކުގައި ގަވާއިދާ ޚިލާފަށް ދެމުންދާ ރީބްރޯޑްކާސްޓިންގގެ ޚިދުމަތާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓްރީއާ ކޮމިޝަނުން މަޝްވަރާކޮށްފި

January 8, 2020

ލައިސަންސް ނެތި އަދި ރައިޓްސް ނެތި ބައެއް ޗެނަލްތައް ބައެއް ރިސޯޓާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލާގައި މިނިސްޓްރީ އޮފް ޓޫރިޒަމާއެކު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު މަޝްވަރާކޮށްފިއެވެ.

ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދެވޭނީ ކޮމިޝަނުން ލައިސަންސް ހޯދައިގެން ކަމާއި، ނަމަވެސް ގިނަ ރިސޯޓުތަކެއްގައި މި ޚިދުމަތް ލައިސަންސެއް ނެތި ދެމުންދާ ކަމުގެ ކަންބޮޑުވުން، މިއަދު ޓޫރިޒަމް މިނިސްޓްރީގައި ބޭއްވި ބައްދަލުކުރެއްވުމުގައި، ކޮމިޝަނުން ފާހަގަކުރިއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ކޮމިޝަންގެ މެމްބަރުން ވިދާޅުވި ގޮތުގައި، ބޭރުގެ ޓީވީ ޗެނަލްތަކުގެ ރައިޓްސް ނެތި ބައެއް ރިސޯޓުތަކުން ރީބްރޯޑްކާސްޓްކުރަމުންދާ ކަމުގެ ޝަކުވާ ކޮމިޝަނަށް ލިބިފައިވާ ކަމާއި، މިއީ ބައިނަލްއަޤްވާމީ ކޮޕީރައިޓްސްގެ މައްސަލައެއް ކަމުގައި ވިދާޅުވިއެވެ. އަދި ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ސަބަބުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބޭކަންވެސް މެމްބަރުން ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާ ރިސޯޓުތަކުގެ މައްސަލަ ބެލުމުގައި ކަމާ ގުޅޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމުގައިވެސް ކޮމިޝަންގެ މެމްބަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ކޮމިޝަނުން ފާހަގަކުރި މައްސަލަތަކަށް އެކަށީގެންވާ ދާއިމީ ޙައްލެއް ހޯއްދަވައި ދެއްވާނެ ކަމުގެ ޔަޤީންކަން ޓޫރިޒަމްގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޞާލިޙު ދެއްވިއެވެ. އަދި ކަމާ ގުޅޭ ހުރިހާ ފަރާތްތައް ގުޅިގެން، މައްސަލަތައް އަވަހަށް ޙައްލުކުރުމަށް އިތުރު މަސައްކަތް ކުރަންޖެހޭ ކަންވެސް ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ކޮމިޝަންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އަމްޖަދު ވަހީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.