ކޮމިޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން މީޑިއާގެ ތަރައްޤީއަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

February 11, 2020

ރާއްޖޭގެ މީޑިއާގެ ތަރައްޤީއަށާއި ކުރިއެރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި ޓްރާންސްޕޭރަންސީ މޯލްޑިވްސް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި އެއްބާރުލުން ދެވިދާނެ ދާއިރާތައް ދެނެގަތުމުގެ ގޮތުން މަޝްވަރާކޮށްފިއެވެ.

މިއަދުގެ މި ބައްދަލުވުމުގައި ކޮމިޝަންގެ މެމްބަރުން ފާހަގަކުރެއްވި ގޮތުގައި، މީޑިއާއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ތަމްރީނާއި ތަޖުރިބާ ލިބިފައިވާ މީހުން ނެތުން ކަމަށާއި، ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ މަސައްކަތަކީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ.

އަދި ޒަމާނާއެކު ބްރޯޑްކާސްޓްކުރުމުގެ ދާއިރާއަށް އަންނަމުންދާ ބަދަލާއެކު، ރާއްޖޭގެ މި ދާއިރާގެ ކުރިމަގާމެދު ކޮމިޝަނުން ދެކޭ ތަސައްވުރާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތަކާ ގުޅޭ ގޮތުން ކޮމިޝަންގެ މެމްބަރުން ވާހަކަދެއްކެވިއެވެ.

މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ފެންވަރު ރަގަޅު ތަމްރީނުގެ ފުރުސަތުތައް ބޭނުންވާ ކަމަށާއި، ކޮމިޝަނާއި ގުޅިގެން މީޑިއާގެ ތަރައްޤީއަށް ކުރާ މަސައްކަތްތަކުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެތަނުގެ އިސް އޮފިޝަލުން ވިދާޅުވިއެވެ.

މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ޓްރެއިނިންގ ރާވައި ހިންގުމާ ގުޅޭގޮތުން މަޝްވަރާކުރުމުގެ އިތުރުން، މީޑިއާއަށް ޢާންމުން އަހުލުވެރިކުރުމާ ގުޅޭގޮތުންނާއި، ކޮމިއުނިޓީ ބްރޯޑްކާސްޓިންގ ރާއްޖެއަށް ތަޢާރަފުކުރުމާ ގުޅޭގޮތުންނާ އަދި އިންތިޚާބުތަކުގެ ދުވަސްވަރު ބްރޯޑްކާސްޓްކުރާ ކޮންޓެންޓް މޮނިޓަރކުރުމުގައި ދެފަރާތް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، އެތަނުގެ އެކްޓިންގ އެގްޒެކެޓިވް ޑިރެކްޓަރ، އައިމަން ރަޝީދާއި، ސީނިއަރ ޕްރޮޖެކްޓް ކޯޑިނޭޓަރުން ކަމުގައިވާ އާހިދު ރަޝީދާއި، ޝާޒިޔާ ޢަލީއާއި، ރިސާޗް އެންޑް ކޮމިއުނިކޭޝަންސް އޮފިސަރ، ސާރާ ނަސީމެވެ.

ކޮމިޝަންގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާގެ އިތުރުން، ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ އަމްޖަދު ވަހީދާއި، ކޮމިޝަނަރ ޢަލީ ޔޫސުފް އަދި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިހެވެ.