މީޑިއާގެ ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން ކޮމިޝަނާއި ޔޫ.އެން.ޑީ.ޕީ. މަޝްވަރާކޮށްފި  

March 1, 2020

 

ރާއްޖޭގެ މީޑިއާ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާ ގުޅޭގޮތުންނާއި، މިކަމަށްޓަކައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ)އާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފިއެވެ.

ޔޫ.އެން.ޑީ.ޕީ.ގެ ރެސިޑެންޓް ކޯޑިނޭޓަރ މިސް އަކިކޯ ފުޖީ އާއެކު ބޭއްވި ބަދަލުވުމުގައި ވާހަކަ ދައްކަވަމުން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ ފާހަގަކުރެއްވިގޮތުގައި މީޑިއާގެ ތަރައްޤީއަށް އެންމެ މުހިންމީ ތަމްރިނާއި ތަޖުރިބާ ލިބިފައިވާ ފަރާތްތައް އިތުރުކުރުމާއެކު، މީޑއާގެ ޒިންމާދާރުކަން އިތުރުކުރުން ކަމަށް ވިދާޅުވިއެވެ. މިގޮތުން، ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދިނުން ކަމަށް ވިދާޅުވިއެވެ.

މިއަދު ބޭއްވި ބައްދަލުވުމުގައި ޔޫ.އެން.ޑީ.ޕީ.ގެ ރެސިޑެންޓް ކޯޑިނޭޓަރ މިސް އަކިކޯ ފުޖީ  ފާހަގަކުރެއްވި އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ތިމާވަށްޓަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގައި މީޑއާގެ ދައުރު ކުޑަކަމާ މެދުއެވެ.  އަދި ކުޑަކުދިންނާއި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކުރިއެރުވުމަށް މީޑިއާއިން އަދާކުރަންޖެހޭ ދައުރުގެ މުހިންމު ކަމުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ.

ރާއްޖޭގެ ނޫސްވެރިން ތަމްރީނުކުރުމާއި، ނޫސްވެރިންގެ ދައުރު ފުޅާކުރުމަށްޓަކައި ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

ކޮމިޝަންގެ ފަރާތުން ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި ޑިރެކްޓަރ، އެޗް. އާރް އެންޑް އެޑްމިން، އަޙްމަދު ރާޝިދެވެ.