April 24, 2025
ސަރކިއުލަރ
427-LIC/CIR/2025/3 :ނަމްބަރު
ޤާނޫނު ނަންބަރު 2013/1 (ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 10 (ދިހައެއް) ވަނަ ބާބުގައި މި ކޮމިޝަނުން ލައިސަންސް ދޫކޮށްގެން ދިވެހިރާއްޖޭގައި ބްރޯޑްކާސްޓްކުރާ ހުރިހާ ފަރާތްތަކުން ދިވެހިރާއްޖޭގައި ބާއްވާ މުޒާހަރާތަކާއި އެއްވުންފަދަ ކަންކަން ބްރޯޑްކާސްޓް ކުރުމުގައި އަމަލުކުރަންވީގޮތް ބަޔާންކޮށްފައިވެވެ. އަދި ހަމަ އެއާއެކު ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓް ކުރުމުގެ ޤާނުނު) ގައި ދިވެހިރާއްޖޭގައި ބްރޯޑްކާސްޓް ކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭގޮތްވެސް ބަޔާންކޮށްފައިވެއެވެ.
މިގޮތުން ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓް ކުރުމުގެ ޤާނުނު) ގެ ދަށުން ހަދާފައިވާ ގަވާއިދު ނަންބަރު 2022/R-16 (ބްރޯޑްކާސްޓް ކުރުމުގެ ގަވާއިދު) ގެ ދަށުން މި ކޮމިޝަނުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަޑު) އަކީ ހުރިހާ ވަގުތެއްގައިވެސް ބްރޯޑްކާސްޓަރުން އެއާއި އެއްގޮތަށް އަމަލުކުރަންޖެހޭ މިންގަނޑެކެވެ. އަދި އެ މިންގަނޑާ ޚިލާފުވާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމަކީ ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓް ކުރުމުގެ ޤާނުނު) ގެ 44 ވަނަ މާއްދާ ދަށުން މި ކޮމިޝަނަށް ލާޒިމް ކުރާ ކަމެއްކަމުގައި ދަންނަވަމެވެ.
ވީމާ މުޒާހަރާތަކާއި އެއްވުންފަދަ ކަންކަން ލައިވްކޮށް ބްރޯޑްކާސްޓް ކުރަންވާނީ ޤާނޫނު ނަންބަރު 2013/1 (ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2010/16 (ބްރޯޑްކާސްޓް ކުރުމުގެ ޤާނުނު) ގެ ދަށުން އެކަށައަޅާފައިވާ ގަވައިދުތަކާއި، އުސޫލުތަކާއި މިންގަނޑުތަކާ ޚިލާފު ނުވާގޮތަށް ކަމުގައި ދިވެހިރާޖޭގެ ހުރިހާ ބްރޯޑާސްޓަރުންނަށް އަންގަމެވެ. އަދި މި ޤާނޫނުތަކާއި ޤާނޫނުތަކުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި، އުސޫލުތަކާއި ޙިލާފުވާ ބްރޯޑްކާސްޓަރުންނާއިމެދު ގާނޫނީ އިމުގެ ތެރެއިން، މި ކޮމިޝަނުން ފިޔަވަޅު އަޅާނެކަމުގައި ދަންނަވަމެވެ.
24 އެޕްރިލް 2025