ޤައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކޮންޓެންޓް ނުފޮނުވުމަށް ބްރޯޑްކާސްޓަރުންނަށް ކޮމިޝަނުން އިލްތިމާސްކޮށްފި

February 7, 2018

ޤައުމީ ސަލާމަތަށް ނުރައްކާވެ، ސުލްހަ މަސަލަސްކަން ގެއްލި ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ކޮންޓެންޓް ނުފޮނުވުމަށް ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ތިރީގައި މި ވަނީ މި ކަމާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނެރުނު ސަރކިއުލަރއެވެ.

” 1 ފެބުރުއަރީ 2018ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެން ބައެއް މީޑިއާތަކުން ގައުމީ ސަލާމަތީ ބާރުތަކުގެ އަގުވެއްޓޭ ގޮތަށާއި، ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ތަކުރާރުކޮށް ކޮންޓެންޓް ބްރޯޑްކާސްޓް ކުރަމުންދާ ކަން މިކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ.

ރާއްޖޭގެ ސިފައިންނާ ހަނގުރާމަކުރުމަށް ބޭރުގެ ސިފައިންގެ އެހީ ހޯދުމަށް ކަމަށް ބުނެ އެކަމަށް ހިތްވަރު ލިބޭގޮތަށް ބައެއް ޓީވީ ސްޓޭޝަން ތަކުން ކޮންޓެންޓް ގެނެސްދެމުންދާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. ވީމާ ގައުމަށް ދިމާވެފައިވާ މި ހައްސާސް ދަނޑިވަޅުގައި ހުރިހާ ބްރޯޑްކާސްޓަރުންވެސް ކޮންޓެންޓް ގެނެސްދިނުމުގައި އިތުރަށް ސަމާލުވުމަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.

ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމުގެ އިޚްތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިގެންވާ ކަމަށާއި އެ ފަދަ ހާލަތެއް ކުރިމަތިވެއްޖެ ނަމަ އެ ފިޔަވަޅު އަޅާނެ ކަމުގައި އަންގަމެވެ.”