December 5, 2019
ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމުތަކަށް އައު ތިން މެމްބަރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ޢައްޔަން ކުރައްވައިފިއެވެ.
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް އައްޔަންކުރެއްވި ބޭފުޅުންނަކީ އަލްފާޟިލް ޢަލީ ޔޫސުފާއި، އަލްފާޟިލް އަޙްމަދު ޤައިސްއާއި އަލްފާޟިލާ މަރިޔަމް ވަހީދާއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި މި ރަސްމިޔާތުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެމްބަރުން ޢައްޔަންކުރައްވައި އެބޭފުޅުންނަށް ފަތްކޮޅު ހަވާލުކުރެއްވި އެވެ.
ފަސް އަހަރުގެ ދައުރަކަށް އަލަށް ކޮމިޝަންގެ މެމްބަރުކަމަށް ޢައްޔަނުކުރެއްވި މެމްބަރުންނަކީ ކޮމިޝަންގެ ރައީސް ކަމާއި މެމްބަރުކަމުގައި ހުންނެވި މުޙައްމަދު ޝަހީބާއި، ނައިބު ރައީސްކަމާއި މެމްބަރުކަމުގައި ހުންނެވި އިސްމާޢީލް ޞަފްވާނާ އަދި މެމްބަރުކަމުގައި ހުންނެވި ޙަސަން ނަބާހު، އެބޭފުޅުންގެ މަޤާމްތަކުން އިސްތިއުފާދެއްވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިޢުލާނާ ގުޅިގެން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންނާ ރައްޔިތުންގެ މަޖިލީހުން އިންޓަރވިއުކޮށް، ވޯޓަށް އެއްސެވުމަށްފަހު ހޮވިވަޑައިގެންނެވި ބޭފުޅުންނެވެ.
މިއަދު އައްޔަނުކުރެއްވި މެމްބަރުންގެ އިތުރުން، ކޮމިޝަންގައި ތިއްބަވާ އިތުރު މެމްބަރުންނަކީ، 5 އޭޕްރީލް 2016 ގައި މެމްބަރުކަމަށް އައްޔަނުކުރެއްވި ޒީނާ ޒާހިރާއި، ފާޠިމަތު ސަރާހަތު ޢިއްޒަތާ އަދި 15 މާރޗް 2018ގައި ޢައްޔަނުކުރެއްވި އަމްޖަދު ވަހީދެވެ.