ކޮމިޝަންގެ މެމްބަރުކަމަށް އައިމިނަތު ނުޒުހާ ޢައްޔަނުކުރައްވައިފި

March 19, 2024

 

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެމްބަރުކަމަށް ހއ. ހޯރަފުށި، ރިވޯޑް އައިމިނަތު ނުޒުހާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ޢައްޔަން ކުރައްވައިފިއެވެ.

އައިމިނަތު ނުޒުހާ ކޮމިޝަންގެ މެމްބަރުކަމުގެ މަޤާމަށް ޢައްޔަނުކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވާފައިވަނީ 18 މާރިޗު 2024 ގައެވެ.

ފަސް އަހަރުގެ ދައުރަކަށް އަލަށް ކޮމިޝަންގެ މެމްބަރުކަމަށް އައިމިނަތު ނުޒުހާ ޢައްޔަނުކުރެއްވީ، ކޮމިޝަންގެ މެމްބަރު ކަމުގެ މަޤާމެއް ހުސްވެފައިވާތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރި އިޢުލާނާ ގުޅިގެން އެކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ  ދިރާސާއަށް ފަހު، ރުހުން ދިނުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވޯޓަށް އެއްސެވުމަށްފަހު، 34 މެމްބަރުންގެ ވޯޓުން ހޮވިވަޑައިގެންނެވުމުންނެވެ.

ކޮމިޝަނުން ހުސްވެފައިވާ މެމްބަރުކަމުގެ މަޤާމަށް އައްޔަންކުރައްވާފައިވާ އައިމިނަތު ނުޒުހާއަކީ އަހަރުތަކެއްވަންދެން ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ބޭފުޅެކެވެ.