ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރުން

September 16, 2013

ނަންބަރު:11 427-PPR/CIR/2013/

ސަރކިއުލަރ

ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރުން

           މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށްފަހު، ބްރޯޑްކާސްޓް މީޑިއާގެ ބައެއް ފަރާތްތަކުން ފޮނުވަމުންދާ ކޮންޓެންޓްގައި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކޮންޓެންޓް ހިމެނޭ ކަމަށް ބުނެ، އެކި ފަރާތްތަކުން ދަނީ މި ކޮމިޝަނަށް ޝަކުވާ ހުށަހަޅަމުންނެވެ. އަދި އެ މައްސަލަތައް މި ކޮމިޝަނުން މި ދަނީ ބަލަމުންނެވެ.

            ވީމާ ރިޔާސީ އިންތިހާބާ ގުޅިގެން ސިޔާސީ ގޮތުން ޤައުމު ހަލަބޮލިވަމުންދާ މިފަދަ ދަނޑިވަޅެއްގައި، ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރަމެވެ. މިއާ ޚިލާފަށް ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ.

              އަދި ދަންނަވަމެވެ. ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 14 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޤައުމީ ސަލާމަތަށް އުނިކަން އަންނަ ގޮތަށް ބްރޯޑްކާސްޓްކޮށްފިނަމަ، ބްރޯޑްކާސްޓް ކުރުމަށް ދޫކޮށްފައިވާ ލައިސަންސް ހިފެހެއްޓުމަށް ފަހު، ލައިސަންސް ބާތިލްކުރުމަށްޓަކައި ކޯޓަށް ހުށަހެޅުމުގެ އިޚްތިޔާރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލިބިގެންވެއެވެ.

ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގައި “ޤައުމީ ސަލާމަތް” ކަމަށް ބުނެފައިވަނީ، ޢަދުލު އިންޞާފު ޤާއިމްކުރުމަށް، ނުވަތަ ޤާނޫނާ ޤަވާއިދު ތަންފީޛުކުރުމުގެ ޢާންމު ހާލަތު ގެއްލިފައިވުން؛ ނުވަތަ ދައުލަތުގެ ސަލާމަތީ ބާރުތަކަށް ދޭ ހަމަލާއެއްގެ ސަބަބުން އެމަރޖެންސީ ހާލަތްތަކުގައި އަމަލު ކުރާނެ ފަރާތްތަކުގެ މަސައްކަތަށް ހުރަސް އެޅިފައިވުން؛ ނުވަތަ ޢާންމުންނަށް ނުވަތަ ޢާންމުންގެ ތެރެއިން ބަޔަކަށް ހަމަނުޖެހުމުގެ އަސަރު ފޯރާ، ޖުމްލަކޮށް މުޅި މުޖްތަމަޢުގައި ބިރުވެރިކަން އުފެދިފައިވުން؛ ރާވައިގެން ނުވަތަ ކުއްލިއަކަށް އުފެދިގެން އަންނަ ހަމަނުޖެހުމެއްގެ ސަބަބުން ފުޅާ ދާއިރާއެއްގައި މީހުންނަށް ނުވަތަ ތަކެއްޗަށް ގެއްލުން ލިބުން، މިފަދަ ބޭނުމެއްގައި، ނުވަތަ މިއިން ކަމެއް ހިންގުމަށް މަގުފަހިވާ ގޮތަށް ނުވަތަ އެހީވެދޭ ނުވަތަ ހިތްވަރުދޭ ގޮތަށް ބްރޯޑްކާސްޓްކުރުމަށެވެ.

            ވީމާ ހުރިހާ ބްރޯޑްކާސްޓަރުންވެސް މިކަމަށް ސަމާލުކަން ދެއްވުމަށް މިފުރުސަތުގައި އިލްތިމާސްކުރަމެވެ.

10 ޛުލްޤައިދާ 1434

16 ސެޕްޓެމްބަރ 2013