ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ ޝަރުޠުތަކަށް ބަދަލުގެނައުމުގެ ވަގުތީ ގަވާއިދެއް އެކުލަވާލައިފި

July 25, 2022

ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ ޝަރުޠުތަކަށް ބަދަލުގެނައުމުގެ ވަގުތީ ގަވާއިދެއް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފިއެވެ.

މި ގަވާއިދަކީ، ކޮވިޑް-19 އާ ގުޅިގެން ބްރޯޑްކާސްޓަރުންނަށް ލިބުނު ގެއްލުމުގެ ސަބަބުން ލައިސަންސްގެ ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީ، ބްރޯޑްކާސްޓްކުރުމުގެ ސިނާޢަތު ފުޅާކުރުމުގެ ބޭނުމުގައ ލައިސަންސް ދޫކުރުމުގެ ޝަރުޠުތަކަށް ބަދަލުގެނައުމުގެ ގޮތުން 2020، 2021 ވަނަ އަހަރުގައި ކޮމިޝަނަށް ދައްކަންޖެހޭ އަހަރީ ފީ ނުދެއްކިހުރި ފަރާތްތަކުގެ ލައިސަންސް އައުކޮށްދިނުމުގައި ޚާއްޞަ އުސޫލަކުން އަމަލުކުރުމުގެ ގޮތުން އެކުލަވާލާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ ބޭނުމަކީ، ބްރޯޑްކާސްޓްކުރުމުގެ ސިނާޢަތު ފުޅާކުރުމުގެ ގޮތުން ޙާލަތަށް ރިޢާޔަތްކޮށް މައިގަނޑު ތިން މަގުސަދެއް ހާސިލުކުރުމެވެ. މިގޮތުން ކަނޑައަޅާފައިވާ މަގްސަދުތަކަކީ؛

  1. ލައިސަންސްގެ ދަށުން ޚިދުމަތް ފޯރުކޮށްދޭ ބްރޯޑްކާސްޓަރުންނާއި ރީބްރޯޑްކާސްޓަރުން ކޮމިޝަނަށް ދައްކަންޖެހޭ އަހަރީ ފީ އާއި، އަހަރީ ފީ ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ދެއްކުމަށް އުސޫލެއް ކަނޑައެޅުން.
  2. ފައިސާ ނުދެއްކުމުގެ ސަބަބުން ލައިސަންސް އައުކުރުމަށް ހުރަސްއެޅިފައިވާތީ ލައިސަންސް އައުކުރުމަށް މަގުފަހިކޮށްދިނުން.
  3. ކޮވިޑް-19 އާ ގުޅިގެން ލައިސަންސްގެ އަހަރީފީ ދެއްކިފައިނުވާ ފަރާތްތަކުގެ ފައިސާ ދެއްކުމަށް ލުއިގޮތެއް ހަމަޖައްސައިދިނުން.

މި ގަވާއިދަށް ޢަމަލުކުރަންފަށާނީ، މި ގަވާއިދު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާޢިޢުކުރާ ދުވަހުން ފެށިގެންނެވެ. އަދި މި ގަވާއިދު ދެމިއޮންނާނީ 2024 ވަނަ އަހަރުގެ މާރިޗު މަހާ ހަމައަށެވެ.