ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމަށް ޑރ. މުޙައްމަދު އިބްރާހީމް ހަމަޖައްސައިފި

November 15, 2020

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ އައު ސެކްރަޓަރީ ޖެނެރަލްގެ މަޤާމަށް ޑރ. މުޙައްމަދު އިބްރާހީމް ހަމަޖައްސައިފިއެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން ޑޮކްޓަރޭޓް ޑިގްރީ ޙާސިލްކުރައްވާފައިވާ މުޙައްމަދު އިބްރާހީމް ކޮމިޝަންގެ ހުސްވެފައިވާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ހަމަޖެއްސެވީ، މި މަޤާމަށް ކުރިމަތިލި ފަރާތްތަކާ ކުރެވުނު އިންޓަރވިއުގައި އެންމެ މަތިން މާކްސް ހޯއްދަވާފައިވާތީއެވެ. މުޙައްމަދު އިބްރާހީމް މީގެކުރިން ހުންނެވީ ޑްރަގް ކޯޓްގެ އެސިސްޓަންޓް ޑިރެކްޓަރގެ މަޤާމުގައެވެ.

ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމާ ޑރ. މުޙައްމަދު އިބްރާހީމް ހަވާލުވެޑައިގަތުމާ ގުޅިގެން، ކޮމިޝަންގެ މެމްބަރުންނާއެކު ތަޢާރަފްވުމުގެ ބައްދަލުވުމެއް މިއަދު ބޭއްވިއެވެ. މި ބައްދަލުވުމުގައި ކޮމިޝަންގެ މަސްޢޫލިއްޔަތުތަކާއި ސެކްރެޓަރީ ޖެނެރަލްގެ ޒިންމާތަކާ ގުޅޭ ގޮތުން ކޮމިޝަންގެ މެމްބަރުން ވާހަކަފުޅު ދެއްކެވިއެވެ.

ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ކަމުގެ މަޤާމު ހުސްވީ ކުރިން އެ މަޤާމުގައި ހުންނެވި މުޙައްމަދު ނާސިޙް، ސިވިލް ސަރވިސް ކޮމިޝަންގެ މެމްބަރުކަމަށް ހޮވިވަޑައިގަތުމާ ގުޅިގެން، ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.