January 1, 2017
މިއަދު މި ފެށޭ 2017 ވަނަ މީލާދީ އައު އަހަރުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުންނަށާއި އެންމެހައި ބެލުންތެރިންނަށާއި އެހުންތެރިންނަށް ކޮމިޝަންގެ މެންބަރުންނާއި މުވައްޒަފުންގެ ނަމުގައި އަރިސްކުރަމެވެ.
ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގައި ފާއިތުވެ ދިޔަ އަހަރަކީ ވެސް ބްރޯޑްކާސްޓަރުންގެ މިންނެތް މަސައްކަތުން އުފެއްދުންތެރި މަސައްކަތްތަކެއް ކުރެވި އަދި ގިނަ ކާމިޔާބީ ތަކެއް ލިބިފައިވާ އަހަރެކެވެ. މިދާއިރާގެ ކުރިއެރުމަށް ކެނޑިނޭޅި އެ ފަރާތްތަކުން ކުރަމުންދާ މަސައްކަތްތައް މި ކޮމިޝަނުން އުފަލާއެކު ފާހަގަކޮށް އެފަރާތްތަކަށް ޝުކުރުއަދާކުރަމެވެ.
ރާއްޖޭގެ ބްރޯޑްކާސްޓަރުންގެ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން، 2017 ވަނަ އަހަރުން ފެށިގެން، ބްރޯޑްކާސްޓް ސިނާއަތުގެ އެކި ދާއިރާތަކަށް ޚާއްޞަ އެވޯޑުތަކެއް ދިނުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. މި އެވޯޑުތައް ތަޢާރަފުކުރުމުގެ މަގުސަދަކީ މި ދާއިރާގެ ޚިދުމަތުގެ ފެންވަރު މަތިކުރުމާއެކު އާންމުންނަށް ބްރޯޑްކާސްޓްކުރުމުގެ ދާއިރާއިން ލިއްބައިދޭ ފުރުސަތުތައް އިތުރކުރުމުވެ. އަދި މި އެވޯޑުތައް ދޭން ފެށުމުން، ބްރޯޑްކާސްޓަރުންގެ އުފެއްދުންތެރިކަން އިތުރުވެގެން ދިއުމާއި ވާދަވެރި މާޙައުލެއް ޤާއިމުވުމަކީ ކޮމިޝަނުން މި ދާއިރާއަށް ކަނޑައަޅާފައިވާ ވަރަށް މުހިންމު ތަސައްވުރެކެވެ.
އައު އަހަރަކަށް ކުރިމަތިލާއިރު ހުރިހާ ބްރޯޑްކާސްޓަރުން ވެސް، މި ދާއިރާ ހަރުދަނާކޮށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ސަމާލުކަން ދޭންވީ ކަންތައްތަކެއްވެއެވެ. އެ ގޮތުން، އެންމެ މުހިންމު ކަމެއްގެ ގޮތުގައި ބްރޯޑްކާސްޓަރުން ދެކެންޖެހޭނެ އެއް ކަމަކީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ކުރިއަރުވައި ޤައުމިއްޔަތު ދިރުވުމަށްޓަކައި އެފަދަ ކަންތައްތަކަށް ސަމާލުކަން ދީގެން ކޮންޓެންޓް އުފެއްދުމަށް އިސްކަންދިނުމަށެވެ. އުފައްދާ ކޮންޓެންޓަކީ އޭގެ ސަބަބުން މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ހަމަހަމަކަން ކުރިއަރުވައި ނަގަހައްޓާ އެއްޗެއް ކަމުގައި ވާންޖެހެއެވެ.
ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ ކުރިއެރުމާއި ރައްކާތެރިކަމަށް ހެދިފައިވާ ޤާނޫނަށް ފުރިހަމައަށް ބޯލަނބައި، އަދި އެ ޤާނޫނުގެ ހިމާޔަތް ފުރިހަމައަށް ހޯދާ، ބިނާކުރަނިވި، އުފެއްދުންތެރި މަސައްކަތަށް މަގުފަހި ކުރުމަށް ހެދިފައިވާ ދާއިރާއާ ގުޅޭ ގަވާއިދުތަކާއި ގައިޑްލައިންތަކަށް ފުރިހަމައަށް އަމަލުކުރުމަކީ ބްރޯޑްކާސްޓަރުން ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކުރިއެރުންތަކެއް ލިއްބައިދޭނެ ކަމެއްކަން ކަށަވަރެވެ.
އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނަށް ވޭތުވެދިޔަ އަހަރު ޢަމަލުކުރަން ފެށުމާއެކު، ބްރޯޑްކާސްޓަރުން ވެސް އެ ޤާނޫނުގައި ބަޔާންކުރާ ހަމަތަކާއި އުސޫލުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް މި ފުރުސަތުގައި ނަސޭހަތްތެރިވެ އިލްތިމާސްކުރަމެވެ. މި ޤާނޫނު ތަންފީޒުކުރަން ފެށުމާ ގުޅިގެން، މި ކޮމިޝަނުން ހަދަންޖެހޭ ގަވައިދުތަކާއި އުސޫލުތައް ހެދުމުގެ މަސައްކަތް ފަށައި، އަދި ކޮމިޝަނުން މިހާރު އަމަލުކުރަމުންދާ ބްރޯޑްކާސްޓްކުރުމުގެ ގަވައިދާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދު މުރާޖާކުރުމުގެ މަސައްކަތް ވެސް ވަނީ ފަށާފައެވެ.
އަޅުގަނޑުގެ ދުޢާ އަކީ އަދި އުއްމީދަކީ މި ދާއިރާގެ ތަރައްޤީއަށް ރާއްޖޭގެ ހުރިހާ ބްރޯޑްކާސްޓަރުން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ކާމިޔާބީ އާއި ހަރުދަނާކަން ލިބިގެން ދިއުމެވެ. އަދި ބްރޯޑްކާސްޓަރުން ކުރަމުންދާ މަސައްކަތްތަކަށް ބޭނުންވާ އެއްބާރުލުމާއި އެހީތެރިކަން މި ކޮމިޝަނުން އަބަދުވެސް ފޯރުވައިދޭނެ ކަމުގެ ޔަޤީންކަން މި ފުރުސަތުގައި އަރުވަމެވެ.
1 ޖަނަވަރީ 2017