ބްރޯޑްކާސްޓް ކަޕް 2024ގެ އޮންލައިން މީޑީއާ ޕާޓްނަރު ގޮތުގައި އޮއިވަރު އޮންލައިން ހަމަޖައްސައިފި

October 10, 2024

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމްކޮށްގެން ބާއްވާ ފުޓުސަލް މުބާރާތް، ބްރޯޑްކާސްޓް ކަޕް 2024 ގެ އޮންލައިން މީޑީއާ ޕާޓްނަރު ގޮތުގައި އޮއިވަރު އޮންލައިން ހަމަޖައްސައިފި އެވެ.

ބްރޯޑްކާސްޓް ކަޕަކީ ކޮންމެ އަހަރެއްގެ 4 އޮކްޓޫބަރުގައި ފާހަގަކުރާ ބްރޯޑްކާސްޓް ދުވަހާއި ގުޅުވައިގެން ރާއްޖޭގައި ހިންގާ ހުރިހާ ޓީވީ/ރޭޑިއޯ ޗެނަލްތަކަށް ހުޅުވާލައިގެން ކޮމިޝަނުން ބާއްވާ ފުޓްސަލް މުބާރާތެކެވެ.

މިއަހަރުގެ ބްރޯޑްކާސްޓް ކަޕްގައި ތިރީގައި މިވާ ޗެނަލްތަކުގެ ޓީމުތައް ބައިވެރިވެ އެވެ.

  • ޕީއެސްއެމް ނިއުސް
  • ޓީވީއެމް
  • އަސްލުޓީވީ
  • ވަގުތުޕްލަސް
  • އެސްއެސްޓީވީ
  • ވީޓީވީ
  • އައިސް ޓީވީ

މި މުބާރާތުގެ މަގުސަދަކީ ރާއްޖޭގެ މީޑިއާ ދާއިރާގައި ހަރަކާތްރެރިވާ ބްރޯޑްކާސްޓަރުންނާއި އިތުރަށް ގުޅުން ބަދަހިކޮށް ހަރުދަނާކުރުމެވެ. މިދިޔަ އަހަރު މި މުބާރާތުގައި 5 ޓީމު ބައިވެރިވި އިރު މިއަހަރު 8 ޓީމު ބައިވެރިވެ އެވެ. އަދި މި ކަޕްގައި ބައިވެރިވާ ޓީމްތައް މިހާރު ދަނީ ފޯރިއާ އެކު އެމީހުން މި މުބާރާތުގައި ބޭނުން ކުރާނެ ޖާޒީ ދައްކާލުމަށް އިވެންޓްތައް ބާއްވަމުންނެވެ.

މެޗުތައް ރާވާލާފައިވާ ގޮތުގެ ތާވަލް މިއަދު ކޮމިޝަނުން ވަނީ އާއްމުކޮށްފައި އެވެ. މި މަހުގެ 11 އަދި 12 ގައި ހުޅުމާލޭ ފޭސް2 ގެ ފުޓްސަލް ދަނޑުގައި ބާއްވާ މި މުބާރާތް ކުރިއަށް ގެންދާނީ ބައިވެރިވި ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

އެގޮތުން ގްރޫޕް އެކެއްގައި ޕީއެސްއެމް ނިއުސް، ވަގުތު ޕްލަސް، އަސްލު ޓީވީ އަދި ބްރޯޑްކޮމް ޓީމު ހިމެނޭއިރު، ގްރޫޕް ދޭއްގައި ހިމެނެނީ ޓީވީއެމް، އެސްއެސް ޓީވީ، ވީޓީވީ އަދި އައިސް ޓީވީ އެވެ.

ބްރޯޑްކާސްޓްކަޕް 2024 ސްޕޮންސަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް އިން ބައިވެރިވެ އެވެ.