August 17, 2018
“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އަށް އިޞްލާޙެއް ގެނެސް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އެ އިޞްލާޙު އާންމުކޮށްފިއެވެ.
މިއަދު ގެޒެޓްކުރެވުނު އިޞްލާޙަކީ މި އުޞޫލަށް އަމަލުކުރަން ލާޒިމްވާ ބްރޯޑްކާސްޓަރުންނަކީ ކޮބައިކަން ސާފުކޮށްދިނުމުގެ ގޮތުން ގެނެވުނު އިޞްލާޙެކެވެ. މި ގޮތުން މި އުޞޫލުގެ 8 ވަނަ މާއްދާގެ (ބ) ގައި “ބްރޯޑްކާސްޓަރު” ކަމަށް ބުނެފައިވާ މާނަކުރުމަށް ބަދަލު ގެނެސް ބްރޯޑްކާސްޓަރު ކަމަށް ބުނެފައި އެވަނީ، ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން، ޚަބަރާއި ރާއްޖޭގެ ސިޔާސީ މަސްރަޚުގައި ހިނގާ ކަންކަމާބެހޭ މަޢުލޫމާތާއި ޕްރޮގްރާމް ބްރޯޑްކާސްޓްކުރާ ޗެނެލްތަކަށް ކަމުގައި މި އުސޫލަށް ގެނެވުނު އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.
މި އުސޫލަކީ، ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން، އިންތިޚާބެއްގެ ދުވަސްވަރު، އެ އިންތިޚާބެއްގައި ބައިވެރިވާ ކެންޑިޑޭޓުންނަށާއި، އެ ކެންޑިޑޭޓުން ނިސްބަތްވާ ސިޔާސީ ޕާޓީތަކަށް ޚާއްޞަކޮށްގެން؛ އެ ކެންޑިޑޭޓުންނާއި، ސިޔާސީ ޕާޓީތަކަށް ތާއީދު ހޯދުމުގެ ގޮތުން ޕްރޮގްރާމާއި އިޝްތިހާރު ފޮނުވުމަށް ވަގުތު ދިނުމުގައި ބްރޯޑްކާސްޓަރުން ޢަމަލުކުރަންވީ ހަމަތައް ކަނޑައެޅުމާއި، އެ ހަމަތަކާ ޚިލާފުވާކަމަށް ބެލެވޭ ބްރޯޑްކާސްޓަރުންނާމެދު ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރުމާއި، ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތައް ބެލުމާއި، އެ ހަމަތަކާ ޚިލާފުވާ ބްރޯޑްކާސްޓަރުންނާމެދު ފިޔަވަޅުއެޅުމުގެ އުޞޫލެއް އެކުލަވާލައި އާންމުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ލާޒިމްކޮށްފައިވާތީ އެކުލަވާލާފައިވާ އުސޫލެކެވެ.
މި އުސޫލަށް 13 އޮގަސްޓް 2018 ގައި އަމަލުކުރަން ފެށުމާއެކު، މި އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި ހިލޭ ދޫކުރުމަށް ނުވަތަ ވިއްކުމަށް ބްރޯޑްކާސްޓަރުން ޚާއްޞަކުރާ ވަގުތުތަކާއި، އެ ވަގުތުތައް ވިއްކާނަމަ، ވިއްކާކަމާއި ވިއްކާ އަގުތައް، އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރާ ވަގުތުން ފެށިގެން ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ބްރޯޑްކާސްޓަރުން އިޢުލާންކުރަން ޖެހެއެވެ. އަދި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ނުވަތަ، އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދުމަށްޓަކައި ޚާއްޞަކޮށްފައިވާ ވަގުތެއް ކެންޑިޑޭޓަކު ނުވަތަ، އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ބޭނުންވާނަމަ، އެކަމަށް އެދި އެ ބްރޯޑްކާސްޓަރަކަށް ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ބްރޯޑްކާސްޓަރު ޤާއިމްކުރުމަށްފަހު، މި މުއްދަތުގެ ތެރޭގައި މި ނިޒާމް ބްރޯޑްކާސްޓަރު އިޢުލާންކުރަންޖެހެއެވެ. އަދި މި މައުލޫމާތު މި މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ހުށަހެޅުމަށް ވެސް ކޮމިޝަނުން ހަނދާންކޮށްދެއެވެ.
މިއަދު ގެނެވުނު އިޞްލާހާ ގުޅިގެން މި އުޞޫލަށް އަމަލުކުރުމަށް ލާޒިމްވާނީ މި އުސޫލުގެ 8 ވަނަ މާއްދާގެ (ބ) ގައި ބަޔާންކުރާ ބްރޯޑްކާސްޓްކުރާ ޗެނެލްތައް ކަމަށްވުމާއެކު، އެފަދަ ޗެނެލްތައް ހިންގާ ބްރޯޑްކާސްޓަރުން މި އުޞޫލަށް ފުރިހަމައަށް އަމަލުކުރުމަށް ކޮމިޝަނުން އިލްތިމާސްކުރެއެވެ.