August 29, 2018
“އިންތިޚާބީ ކެންޑިޑޭޓުންނަށް ބްރޯޑްކާސްޓަރުންގެ ވަގުތު ޚާއްޞަކުރުމުގެ ހަމަތައް ބަޔާންކުރުމާއި، އިދާރީ ފިޔަވަޅު އެޅުމާބެހޭ އުޞޫލު” އަށް އަމަލުކުރަމުން ނުދާ ބްރޯޑްކާސްޓަރުންގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު ބަލަން ފަށައިފިއެވެ.
ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 30 ވަނަ މާއްދާގެ ދަށުން ކޮމިޝަނުން އެކުލަވާލުމަށް ލާޒިމްކުރި މި އުސޫލަށް 13 އޮގަސްޓް 2018 ގައި އަމަލުކުރަން ފެށުމާއެކު، ޚަބަރާއި ރާއްޖޭގެ ސިޔާސީ މަސްރަޚުގައި ހިނގާކަންކަމުގެ މައުލޫމާތާއި ޕްރޮގްރާމް ބްރޯޑްކާސްޓްކުރާ ހުރިހާ ޗެނެލްތަކުންވެސް މި އުޞޫލަށް އަމަލުކުރަން ލާޒިމުކުރެއެވެ. މި ގޮތުން، މި އުސޫލާ އެއްގޮތްވާ ގޮތުގެމަތިން، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށްޓަކައި ހިލޭ ދޫކުރުމަށް ނުވަތަ ވިއްކުމަށް ބްރޯޑްކާސްޓަރުން ޚާއްޞަކުރާ ވަގުތުތަކާއި، އެ ވަގުތުތައް ވިއްކާނަމަ، ވިއްކާކަމާއި ވިއްކާ އަގުތައް، އިންތިޚާބުގައި ބައިވެރިވާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން އިޢުލާން ކުރާ ވަގުތުން ފެށިގެން ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ބްރޯޑްކާސްޓަރު އިޢުލާންކުރަން ޖެހެއެވެ. އަދި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓަކަށް ނުވަތަ، އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ތާއީދު ހޯދުމަށްޓަކައި ޚާއްޞަކޮށްފައިވާ ވަގުތެއް ކެންޑިޑޭޓަކު ނުވަތަ، އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކުން ބޭނުންވާނަމަ، އެކަމަށް އެދި އެ ބްރޯޑްކާސްޓަރަކަށް ހުށަހެޅޭނެ ފަސޭހަ ނިޒާމެއް ބްރޯޑްކާސްޓަރު ޤާއިމްކުރުމަށްފަހު، މި މުއްދަތުގެ ތެރޭގައި މި ނިޒާމް ބްރޯޑްކާސްޓަރު އިޢުލާންކުރަންޖެހެއެވެ. އަދި މި މައުލޫމާތު ހަމަ މި މުއްދަތުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ވެސް ޖެހެއެވެ. އަދި މީގެ އިތުރުން، ބްރޯޑްކާސްޓަރުގެ ޕްރޮގްރާމް ޝެޑިއުލް އިން ކެންޑިޑޭޓުންނަށާއި، އެ ކެންޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަކަށް ވަގުތު ޚާއްޞަކުރި ގޮތުގެ ރިޕޯޓް، ހަފްތާއަކު އެއް ފަހަރު އަދި މި އުޞޫލުގެ 2 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ މުއްދަތު ނިމުމުން، ގިނަވެގެން 48 (ސާޅީސް އަށެއް) ގަޑިއިރުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަންވާނެ ކަމަށްވެސް މި އުސޫލުގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، ކޮމިޝަނުން މިއަދު ބަލަން ފަށާފައިވާ މި މައްސަލައަކީ، 18 އޮގަސްޓް 2018 ގައި މިއަހަރުގެ ރިއާސީ އިންތިޚާބަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އިއުލާން ކުރި ފަހުން މި އުސޫލާ އެއްގޮތަށް ހާމަކުރަންޖެހޭ މައުލޫމާތު ހާމަކޮށްފައިނުވާ ބްރޯޑްކާސްޓަރުންގެ މައްސަލައެވެ.