February 19, 2015
ސިޔާސީ އެއްވުންތައް ބްރޯޑްކާސްޓްކުރުމުގައި ސަމާލުވުމަށް ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ނަސޭޙަތްތެރިވެއްޖެއެވެ. ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު މިކަމަށް އެދިވަޑައިގަތީ މިހާރު މާލޭގައި ކުރިއަށްގެންދާ ސިޔާސީ އެއްވުންތައް ބައެއް ޗެނަލްތަކުން ވަގުތުން ބްރޯޑްކާސްޓްކުރަމުންދާތީ، ބްރޯޑްކާސްޓަރުން ސަމާލުކަން ދެއްވަންވީ ކަންކަމާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކުރުމަށް ބްރޯޑްކާސްޓަރުންނާއެކު ބޭއްވެވި ބައްދަލުވުމެއްގަ އެވެ.
މިއަދު މެންދުރުފަހު ބޭއްވި މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޝަހީބު ވިދާޅުވީ، ހުރިހާ ބްރޯޑްކާސްޓަރުން ވެސް، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާއި ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް، ޒިންމާދާރުކަމާއެކު ކޮންޓެންޓް ގެނެސްދިނުމަށާއި، މިހާރު މާލޭގައި ކުރިއަށްގެންދާ ސިޔާސީ އެއްވުންތައް ކަވަރުކުރުމުގައި ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށެވެ.
މީގެ އިތުރުން، ބްރޯޑްކާސްޓްކުރާ ކޮންޓެންޓަކާ ގުޅިގެން، ބަދަލުހިފުމުގެ ރޫހެއް އުފެދި ބްރޯޑްކާސްޓް ސްޓޭޝަންތަކަށާއި ބްރޯޑްކާސްޓަރުންނަށް ހަމަލާއެއް އަތުވެދާނެތީ، އެ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުކަން ދެއްވުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގައި މިއަދު ދަންނަވާފައިވާ ކަމަށް ވެސް ޝަހީބު ވިދާޅުވި އެވެ.
އަދި އެއްވުންތައް ކަވަރުކުރާ މީޑިއާގެ ފަރާތްތަކުން ބޭނުންކުރަންޖެހޭ ކަމަށް “ސުލްހަވެރިކަމާ އެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނު”ގެ ދަށުން ލާޒިމްކުރާ އެކްރެޑިޓޭޝަން ކާޑުގެ ބޭނުން ހިއްޕެވުމަށް ވެސް ޝަހީބު އިލްތިމާސް ކުރެއްވި އެވެ.
މީގެ އިތުރުން ބްރޯޑްކާސްޓަރުންނަށް ދިމާވާ އެކި ކަހަލަ ދަތިތަކާއި ކަންބޮޑުވުންތަކާ ގުޅޭގޮތުން ވެސް މިއަދުގެ ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.