މަސްދަރު ހާމަކުރުމަށް ބާރުއަޅާ، ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭތީ، ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުން

September 23, 2021

ނޫސް ބަޔާން

(PR)427-BUR/PRIV/2021/2ނަންބަރު:

މަސްދަރު ހާމަކުރުމަށް ބާރުއަޅާ، ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙުގެ ސަބަބުން މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭތީ، ކޮމިޝަނުން ކަންބޮޑުވުން ފާޅުކުރުން

މަސްދަރު ހާމަކުރުމަށް ބާރުއަޅާ، ސަރުކާރުގެ ފަރާތުން ހެއްކާބެހޭ ޤާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާޙަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ދަމަހައްޓައި، އާލާކުރުމަށް ކުރަމުންދާ މަސައްކަތަށް އެޅިގެންދާނެ އިއާދަނުކުރެވޭނަފަދަ ގެއްލުމަކަށް ވެދާނެތީ، އެކަމުގެ ކަންބޮޑުވުން މި ކޮމިޝަނުން ފާޅުކުރަމެވެ.

އަލަށް ހުށަހެޅި ހެއްކާ ބެހޭ ޤާނޫނުގެ 136 ވަނަ މާއްދާގައި ބަޔާންކުރަނީ، ކޯޓުން ކަނޑައަޅައިފިނަމަ ބައެއް ހާލަތްތަކުގައި ނޫސްވެރިން ޢާންމުކުރާ ޚަބަރުތަކުގެ މަސްދަރު ހާމަކުރުން ލާޒިމުވާނެ ކަމަށެވެ.

“ޝާއިޢުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މަޢުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ” ކަމުގައި ޤާނޫނުއަސާސީގެ 28ވަނަ މާއްދާގައި ބަޔާންކޮށްފައިވުމުން، ހެއްކާބެހޭ ޤާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ މި އިސްލާޙްގެ ސަބަބުން ޤާނޫނުއަސާސީގެ ރޫހާ ޚިލާފުވެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމަށް ހަނިކަން އަންނަ ކޮންމެ ކަމަކީ، މި ދާއިރާއިން ދިވެހިރާއްޖެ ހޯދައިފައިވާ ކާމިޔާބީއާ ކުރިއެރުންތައް، އެތައް ދަރަޖައަކަށް ސޮއްސާލައި، ނޫސްވެރިކަމުގެ އަސާސްތަކާއި، ބައިނަލްއަޤްވާމީ މިންގަޑުތަކަށް ޖެހޭ ގޮންޖެހުމެކެވެ.

އެހެންކަމުން، މިނިވަން ނޫސްވެރިކަމަށް ހީނަރުކަން އަންނާނެ މި އިސްލާޙް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލައި، ނޫސްވެރިކަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރިއަރުވައި ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގައި މި ކޮމިޝަން ދެމިއޮންނާނެކަމުގެ ޔަޤީންކަން ރާއްޖޭގެ ބްރޯޑްކާސްޓަރުންނަށާއި މީޑިއާގެ އެންމެހާ ފަރާތްތަކަށް އަރުވަމެވެ.

 

23 ސެޕްޓެމްބަރ 2021