June 15, 2023
ނަންބަރު(PR)427-BUR/PRIV/2023/1 :
އިއްޔެ ހަވީރު މާލޭގައި ޗެނަލް 13 ގެ ނޫސްވެރިއަކު، ނޫސްވެރިކަމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް، އާއްމުންގެ މީހަކު އިންޒާރުދީ، ނޫސްވެރިޔާގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅި މަންޒަރު ފެންނަ ވީޑިއޯއެއް މި ކޮމިޝަންގެ ސަމާލުކަމަށް ވަނީ އައިސްފައެވެ.
އެކަމާއި ގުޅިގެން ކޮމިޝަނުން ދަނީ ޚާއްސަ ސަމާލުކަމެއް ދީގެން ކަން ހިނގިގޮތުގެ މައުލޫމާތު ހޯދަމުންނެވެ. އަދި އެފަދަ ކަންކަން ނޫސްވެރިންނަށް ކުރިމަތިވުމަކީ މި ކޮމިޝަންގެ ވަރަށްބޮޑު ކަންބޮޑުވުމެއް ކަމުގައި ދަންނަވަމެވެ.
އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި، ނޫސްވެރިންގެ ވާޖިބު އަދާކުރުމަށް ފުރިހަމަ ފަހި މާހައުލެއް ޤާއިމްކޮށްދީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް، ހުރިހާ ފަރާތްތަކަކަށް ކޮމިޝަނުން އިލްތިމާސްކުރަމެވެ.
އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނާއި މީޑިއާގެ ފަރާތްތަކުން، ޤާނޫނާއި ގަވާއިދާއި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑުގެ ތެރެއިން ހަރަކާތްތެރިވުމަށާއި، ކަމާބެހޭ ފަރާތްތަކުގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުމަށްވެސް މި ފުރުސަތުގައި އިލްތިމާސްކުރަމެވެ.
އަދި މިފަދަ އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން، އެއްވުންތަކާއި މުޒާހަރާތައް ކަވަރުކުރާ ފަރާތްތަކުން ބޭނުންކުރުމަށް ކޮމިޝަނުން ދޫކުރާ “އެކްރެޑިޓޭޝަން ކާޑް” އަބަދުވެސް ފެންނަ ގޮތަށް ބޭނުންކުރުމަށް ނަސޭޙަތްތެރިވަމެވެ.
15 ޖޫން 2023