August 26, 2013
ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ބްރޯޑްކާސްޓަރުން ފޮނުވާ އެންމެހައި ކޮންޓެންޓެއްމެ އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަދި “އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނާ” އެއްގޮތަށް ބެހެއްޓުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.
ތިރީގައި މިވަނީ މި ކަމާއި ގުޅޭގޮތުން ކޮމިޝަނުން ހުރިހާ ބްރޯޑްކާސްޓަރުންނަށް ފޮނުވާފައިވާ ސަރކިއުލަރ އެވެ.
“ރިޔާސީ އިންތިޚާބުގެ ކަވަރޭޖް ގެނައުމުގައި ބްރޯޑްކާސްޓަރުން މަސައްކަތްކުރަމުންދާ މިވަގުތުގައި ރިޔާސީ ކެންޑިޑޭޓުންނާ ގުޅުން ހުރި ޚަބަރާއި މަޢުލޫމާތު ގެނައުމުގައި އެއްވެސް ކެންޑިޑޭޓެއްގެ އިއްޒަތާއި ގަދަރަށް އުނިކަމެއް އަންނަ ފަދަ ގޮތަކަށް ނުވަތަ އެއްވެސް ކެންޑިޑޭޓަކަށް އާއްމުންގެ މެދުގައި އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ނުވަތަ “އެންޓި ކެމްޕެއިން” ކަމަށް ބެލެވޭ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގޮވާލަމެވެ.
“ކެންޑިޑޭޓުންނާ ގުޅޭ ޚަބަރާއި މަޢުލޫމާތު ގެނައުމުގައި ޤާނޫނު ނަންބަރު: 2008/11 (އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނު) ގެ 30 ވަނަ މާއްދާގައި ބުނާ ފަދައިން، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގައި ހަމަހަމަކަމާ އެކު، އެއްވެސް ކެންޑިޑޭޓަކަށް ތަފާތުކުރުމެއް ނެތި ވަގުތު ދިނުމަށާއި ބްރޯޑްކާސްޓްކުރާ އެއްވެސް ފަރާތަކުން މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ބުރުއަރާފާނެ ފަދަ އެއްވެސް ބާވަތެއްގެ އަމަލެއް ނުކުރަމަށް ނަސޭހަތްތެރިވަމެވެ.
“އަދި ހަމަ މި ފުރުސަތުގައި، ޤާނޫނު ނަންބަރު: 2010/16 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން ބްރޯޑްކާސްޓަރުން އަމަލުކުރުމަށް ލާޒިމްކުރާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތީން އަމަލުކުރުމަށް ހަނދާންކޮށްދެމެވެ.
“ސިޔާސީ ގޮތުން ވާދަވެރިކަން އުފެދިފައިވާ މި ދުވަސްވަރު އިންތިޚާބާ ބެހޭ ކަންތައްތަކުގައި ޞައްޙަ އަދި ތެދު މަޢުލޫމާތު ހަމަހަމަކަމާއެކު ހަރުދަނާ ގޮތެއްގައި ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްގެ މައްޗަށް ބިނާކޮށް މި ކޮމިޝަނުން ފާސްކޮށް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ “އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނާ” އެއްގޮތަށް ކޮންޓެންޓް ގެނެސްދިނުމަކީ އިންތިޚާބާ މެދު ރައްޔިތުންގެ އިތުބާރު އިތުރުވެގެންދާނޭ ކަމެއް ކަމަށް މި ކޮމިޝަނުން ދެކެމެވެ.
“އެހެންކަމުން، ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ބްރޯޑްކާސްޓަރުން ފޮނުވާ އެންމެހައި ކޮންޓެންޓެއްމެ އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އަދި “އިންތިޚާބު ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިނާ” އެއްގޮތަށް ބެހެއްޓުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް މި ކޮމިޝަނުން އިލްތިމާސް ކުރަމެވެ.”