October 2, 2024
ބްރޯޑްކާސްޓިން ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ބާއްވާ ކުރެހުމުގެ މުބާރާތް ވިޝަންސް އޮފް ދަ ފިއުޗާގެ ސްޕޮންސަރެއް ގޮތުގައި އަސްރަފީ ބުކްޝޮޕް ބައިވެރިވެއްޖެ އެވެ.
އެގޮތުން، ވިޝަންސް އޮފް ދަ ފިއުޗާގެ ހުރިހާ އުމުރުފުރާތަކުން ހޮވާ ވަނަތަކަށް އަސްރަފީ ބުކްޝޮޕުން ވަނީ ގިފްޓް ހެމްޕާ ދިނުމަށް ނިންމާފައި އެވެ.
ވިޝަންސް އޮފް ދަ ފިއުޗާ އަކީ ރާއްޖޭގެ ހުރިހާ ސްކޫލްތަކުގެ ދަރިވަރުންނަށް އަމާޒުކޮށްގެން ބާއްވާ އާޓް މުބާރާތެކެވެ.
މި މުބާރާތުގެ މަގްސަދަކީ ދަރިވަރުން ބްރޯޑްކާސްޓިން ދާއިރާއަށާއި ރާއްޖޭގައި ހަރަކާތްތެރިވާ ރޭޑިއޯ/ޓީވީ ޗެނަލްތަކުން ފޮނުވާ ކޮންޓެންޓަށް ޝައުގުވެރިކަން އިތުރުކޮށް، ކޮންޓެންޓް އުފައްދާ މީހުންގެ ބުރަ މަސައްކަތް ކުޑަކުދިންގެ އަމިއްލަ ހިޔާލުން ސިފަ ކުރާ ގޮތް ދެނެގަތުމެވެ.
ވިޝަންސް އޮފް ދަ ފިއުޗާ ގައި ބައިވެރިވަމަށް ޝައުގުވެރިވާ ފަރާތްތަކަށް މި އާޓް މުބާރާތަށް ކުރެހުން ހުށަހެޅުމަށް ކޮމިޝަނުން ވަނީ މައިގަނޑު ޝިއާރުތަކެއް ކަނޑައަޅާފައި އެވެ.
މި ޝިއާރު ތަކަކީ؛
ދަ އިވޮލިއުޝަން އޮފް މީޑީއާ: މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ނުވަތަ ލިބޭ މެސެޖަކަށްވާންވީ އިހުގެ ރޭޑިއޯ އިން ފެށި ބްރޯޑްކާސްޓިން މިއަދާ ހަމައަށް އައި އިރު ޒަމާނީ ބްރޯޑްކާސްޓިން ޕްލެޓްފޯމަކަށް ބަދަލުވެފައިވާ ގޮތެވެ.
ބްރޯޑްކާސްޓް މީޑިއާ އެންޑް ކަލްޗާ: މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ދައްކުވައިދޭންވާނީ ރާއްޖޭގެ ސަގާފަތާއި، ތާރީހާއި އަދި އާދަކާދަ ދެމެހެއްޓުމުގައި ބްރޯޑްކާސްޓިން މީޑީއާ އަދާ ކުރާ ދައުރެވެ.
ބްރޭކިން ނިއުސް: މި ޝިއާރަށް ހުށަހަޅާ ކުރެހުންތަކުން ބްރޯޑްކާސްޓިން މީޑިއާ އިން ބްރޭކިން ނިއުސް އާއްމުންނަށް ގެނެސްދިނުމަށް އަދާ ކުރާ މުހިއްމު ދައުރު ދައްކައިދޭންވާނެ އެވެ.
ތިން އުމުރު ފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި އާޓް މުބާރާތުގައި ކޮންމެ އުމުރު ފުރައަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. މި ހުރިހާ ކެޓެގަރީތަކަށް އަސްރަފީ ބުކްޝޮޕުން ވަނީ އިނާމް ދިނުމަށް ކަނޑައަޅާފައި އެވެ.
މުބާރާތް ބެހިފައިވާ އުމުރު ފުރާތަކަކީ؛
ރާއްޖޭގެ އެންމެ ދުވަސްވީ އެއް ބުކްޝޮޕް ކަމުގައިވާ އަސްރަފީ ބުކްޝޮޕުން މި މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި ބައިވެރިވުމަކީ މި މުބާރަތަށް ލިބޭ އިތުރު ފުރިހަމަ ކަމެކެވެ.