ބްރޯޑްކާސްޓްކުރުމާއި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދުމުގެ ފުރުސަތު ކޮމިޝަނުން ހުޅުވާލައިފި

October 4, 2020

ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު 2019/R-154 (ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަދި “ބްރޯޑްކާސްޓްކުރުމުގެ ލައިސަންސާއާ ގުޅޭ އުޞޫލު” ގެ ދަށުން މުޅި ރާއްޖެއަށް ބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު 04 އޮކްޓޫބަރު 2020 ފެށިގެން 5 (ފަހެއް) އަހަރުގެ މުއްދަތަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.

އަދި ޤާނޫނު ނަންބަރު 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ 24 ވަނަ މާއްދާ އާއި ގަވާއިދު ނަންބަރު 2019/R-179 (ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އަދި “ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސާއާ ގުޅޭ އުޞޫލު” ގެ ދަށުން މުޅި ރާއްޖެއަށް ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތުވެސް، 04 އޮކްޓޫބަރު 2020 ފެށިގެން 5 (ފަހެއް) އަހަރުގެ މުއްދަތަށް ކޮމިޝަނުން މިއަދު ހުޅުވާލާފައިވެއެވެ.

މި ދެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިކަން އިޢުލާންކޮށްދެއްވީ، “ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިންގ ދުވަސް” ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއެވެ.

މި ދެ ލައިސަންސާ ގުޅޭގޮތުން ކޮމިޝަނުގެ އެކުލަވާލާފައިވާ އުސޫލުތަކުގެ ދަށުން، ބްރޯޑްކާސްޓްކުރުމާ އަދި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތްދިނުމަށް ލައިސަންސް ދޫކުރުމަށް ކޮމިޝަނުން ނިންމާފައިވާ ވަސީލަތް (މީޑިއަމް) ތަކަކީ، ޓެރެސްޓްރިއަލް، ކޭބަލް ނެޓްވާރކް، ސެޓެލައިޓް، މޯބައިލް ނެޓްވާރކް، އިންޓަރނެޓް އަދި ކޮމިޝަނުން ފާސްކޮށްފައިވާ “އެހެނިހެން” ވަސީލަތްތަކެވެ.

އަދި، ކޮމިޝަނުން ދޫކުރާ ބްރޯޑްކާސްޓްކުރުމާއި، ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސްތައް އައު ފޯމެޓެއްގައި ދޫކުރުމަށާއި، މީގެކުރިން ކޮމިޝަނުން ދޫކޮށްފައިވާ މި ދެ ޚިދުމަތުގެ ލައިސަންސްތައް އައު ފޯމެޓަށް (އެއްވެސް އަގަކާނުލައި) ބަދަލުކުރުމަށް 04 އޮކްޓޫބަރު 2020 ފެށިގެން 3 އެޕްރީލް 2021 ގެ ކުރިން ކޮމިޝަނަށް ހުށަހެޅުމަށް ކޮމިޝަނުން ކޮށްފައިވާ އިޢުލާނުގައިވެއެވެ. މީގެއިތުރުން، ކޮމިޝަނުން ދޫކޮށްފައިވާ މި ދެ ޚިދުމަތް ދިނުމުގެ ލައިސަންސްގެ އަސްލު ނުވަތަ ލައިސަންސް ގެއްލިފައި ނުވަތަ ހަލާކުވެފައިވާނަމަ، އެކަން ބަޔާންކޮށް، ލައިސަންސް ލިބިފައިވާ ފަރާތުގެ ލިޔުމެއް ހުށަހެޅުމުން، ހަމަޖެހިފައިވާ އުސޫލުން އައު ފޯމެޓްގައި ލައިސަންސް ދޫކުރުމުގެ އިންތިޒާމްވެސް ކޮމިޝަނުން ހަމަޖައްސައިދޭނެއެވެ.

މި ދެ ލައިސަންސާ ގުޅޭގޮތުން ކޮމިޝަނުގެ ވެބްސައިޓުގައި ޝާއިޢުކުރެވިފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ޝައުޤުވެރިވާ ފަރާތްތަކުން ލައިސަންސަށް އެދި ހުށަހަޅުމަށް މިއަދު އާންމުކޮށްފައިވާ އިޢުލާނުން ހުޅުވާލާފައިވެއެވެ. އަދި ލައިސަންސަށް އެދި ހުށަހަޅާ ފޯމް ކޮމިޝަނުގެ ވެބްސައިޓް www.broadcom.org.mv ގެ އިތުރުން ކޮމިޝަނުގެ ރިސެޕްޝަނުންވެސް ލިބެން ހުންނާނެއެވެ.

ލައިސަންސަށް އެދި ހުށަހެޅުމަށް އިޢުލާންކުރެއްވުމުގެ އިތުރުން، ބްރޯކާސްޓް ދާއިރާގެ ތަރައްޤީއަށާއި ކުރިއެރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކާއި ދާއިރާއާ ގުޅުންހުރި އެކި ތަފާސްހިސާބުތަކުގެ ތަފްސީލުވެސް ކޮމިޝަންގެ ރައީސް މި ޕްރެސް ކޮންފަރެންސްގައި ދެއްވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި ކޮމިޝަންގެ ރައީސްގެ އިތުރުން، ކޮމިޝަންގެ ނައިބު ރައީސް އަޙްމަދު ގައިސްއާއި، ކޮމިޝަނަރ ޒީނާ ޒާހިރާއި ކޮމިޝަނަރ އާމިނަތު ސަރާހަތު ޢިއްޒަތާއި ކޮމިޝަނަރ އަމްޖަދު ވަހީދާއި ކޮމިޝަނަރ އާމިނަތު އަމީނާ އަދި ޑިރެކްޓަރ، ލީގަލް އެފެއާޒް ފާޠިމަތު ޝައުފާ ބައިވެރިވެވަޑައިގަތެވެ.