ވިޝަން އޮފް ދަ ފިއުޗާ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކޮމިޝަނުގެ ރައީސް ސަފާ ޝަފީގް ދެއްވީ މުހިއްމީ މެސެޖެއް

January 29, 2025

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން އިންތިޒާމްކޮށްގެން ބޭއްވި ވިޝަން އޮފް ދަ ފިއުޗާ އިނާމު ދިނުމުގައި ޖަލްސާގައި ބެލެނިވެރިންނަށް މުހިއްމު މެސެޖެއް ކޮމިޝަނުގެ ރައީސް ޞަފާ ޝަފީޤް ދެއްވައިފި އެވެ.

ބްރޯޑްކާސްޓް ދުވަހާއި ގުޅުވައިގެން ބޭއްވި ކުރެހުމުގެ މައުރަޒު ނިންމާލާ ވަނަތަކަށް އައި ދަރިވަރުންނަށް އިނާމް ދިނުމުގެ ގޮތުން 25 ޖަނަވަރީގައި ނެޝެނަލް އާޓް ގެލެރީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނުގެ ރައީސް ވިދާޅުވީ މިއީ ބޭނުން ތާކު ހުރެ ބޭނުން އެއްޗެއް ބަލާލެވޭ ޒަމާނެއް ކަމުން ދަރިވަރުން ބަލަންވާނީ އެ ދަރިވަރުންގެ އުމުރުފުރާ އާ ގުޅޭ ޕްރޮގްރާމްތައް ކަމުގައި އެވެ. އަދި ޓީވީ ނުވަތަ ޔޫޓިއުބުންވެސް ޕްރޮގްރާމް ބަލާއިރު ބެލެނިވެރިންވެސް އަދި ކުދިންވެސް ވިސްނަވަންވާނީ އަބަދުވެސް ބޮޑު މީހެއްގެ ހާޒިރުގައި ނުވަތަ ބޮޑު މީހަކާ އެކީގައި ބެލުމަށް ކަމުގައި އެވެ.

މީގެ އިތުރަށް ބްރޯޑްކާސްޓް ދާއިރާ ކުރިއެރުވުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކުގައި ހުރި ގޮންޖެހުންތަކަށްވެސް ޞަފާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި އެވެ.
“ކޮމިޝަންގެ އަމާޒަކީ ބްރޯޑްކާސްޓް ދާއިރާގެ ތަރައްގީއަށް ސަރުކާރާއި ދާއިރާގެ ގުޅުންހުރި ފަރާތްތަކާއެކު މަސައްކަތް ކުރުން. މި އަހަރު ކޮމިޝަނުން ކުރިއަށް އޮތީ ”ބްރޯޑްކާސްޓް އެވޯޑްސް“. މިއީ އަޅުގަނޑުމެންނަށް ދިމާވެފައިވާ ބަޖެޓުގެ ދަތިތަކާއި ހުރެ މިދިޔަ އަހަރު ނުބޭއްވުނު ކަމެއް. އަޅުގަނޑުމެން މަސައްކަތް ކުރަނީ މި އަހަރުގެ މެއި މަހު އެވޯޑް ބާއްވާ ބްރޯޑްކާސްޓަރުންގެ އަގުވަޒަން ކުރުމަށް”.

ވިޝަން އޮފް ދި ފިއުޗާ ކުރެހުމުގެ މުބާރާތުގެ އިނާމު ދިނުމުގެ މި ހަފްލާގައި ބްރޯޑްކާސްޓިން ކޮމިޝަންގެ ހުރިހާ ކޮމިޝަނަރުންނާއި، ބްރޯޑްކާސްޓް އިންޑަސްޓްރީގެ ބައެއް ބޭފުޅުންވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިނާމް ދިނުމުގެ ޖަލްސާ އަށް ފަހު 25 ޖެނުއަރީގެ ރޭގަނޑު 8 އަކުން 10 މި މައުރަޒު އާޢްމުންނަށް ހުޅުވާލައިގެން ވަނީ ކުރިއަށްގެންގޮސްފައެވެ.