ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް އާއްމުކޮށް ހުޅުވާލުން

March 16, 2017

  އިއުލާން

 ނަންބަރު:IUL-427-LCM/1/2017/10

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ހޯދުމަށް އާއްމުކޮށް ހުޅުވާލުން

 

ބްރޯޑްކާސްޓްކުރުމުގެ ދާއިރާއާ ގުޅޭ ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް މި ކޮމިޝަނުން މި ގެންދަނީ ކުރަމުންނެވެ. މި ގަވާއިދުތައް އިސްލާހުކުރުމުގެ މައިގަނޑު މަޤްސަދަކީ، މިހާރު އަމަލު ކުރަމުންގެންދާ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-11) އަދި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދު (2012/R-20) އަކީ މީގެ ފަސް އަހަރު ކުރިން ނެރެފައިވާ ގަވާއިދުތަކަކަށްވާތީ މި ގަވާއިދުތައް ތަންފީޒުކުރުމަށް މިހާތަނަށް ދިމާވި ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، އަދި ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ވުޖޫދަށް އައުމާއި ގުޅިގެން އެ ޤާނޫނުގެ ދަށުން މި ކޮމިޝަނުގެ މައްޗަށް ލާޒިމުކުރާ އެންމެހައި ކަންކަން ގަވާއިދުގައި ހިމެނުމެވެ.

މި ގޮތުން، މިހާތަނަށް އިސްލާހުކުރުމުގެ މަސައްކަތް ނިމިފައިވާ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ފުރަތަމަ ދެލިކޮޕީ ވަނީ ކޮމިޝަނުން އެކުލަވާލާފައެވެ. މި ދެލިކޮޕީ އިތުރަށް ފުރިހަމަކުރުމުގެ ގޮތުން އާއްމުންގެ ޚިޔާލު ހޯދުމަށް ހުޅުވާލުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ.

ވީމާ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއަށް ޚިޔާލު ދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 26 މާރިޗު 2017ގެ 10:00ގެ ކުރިން އެ ފަދަ ކޮމެންޓްތައް މި ކޮމިޝަނުގެ އީމެއިލް: info@broadcom.org.mv އަށް ފޮނުވުމަށް އެދި ދަންނަވަމެވެ.

ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިސްލާހުގެ ފުރަތަމަ ދެލިކޮޕީއާއި ކޮމެންޓްކުރާ ފޯމު މި އިއުލާނާ އެކު މިވަނީއެވެ.

އެގިވަޑައިގެންފައިވާނޭ ފަދައިން، މި މަރުހަލާގެ ތެރެއިން އިސްލާހުކުރެވިފައިވާ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ ދެލިކޮޕީ ވެސް 16 ފެބުރުވަރީ 2017 އިން 2 މާރިޗު 2017އަށް ޚިޔާލު ހޯދުމަށް ޢާއްމުކޮށް ހުޅުވާލާފައި ވެއެވެ.

16 މާރިޗު 2017