October 24, 2012
1433 ވަނަ އަހަރުގެ ޙައްޖުގެ އަޅުކަން ހިނގަމުންދާ ގޮތް ރޭޑިއޯ/ޓެލެވިޜަންގެ ޒަރީއާއިން ގެނެސްދިނުމަށްޓަކައި ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ސަޢޫދީ އަރަބިއްޔާގެ ސަރުކާރުން ދެއްވުމަށް ހަމަޖެހިފައިވާ ފުރުޞަތާއި ބެހޭ ގޮތުން ދަންނަވަމެވެ.
މި އަހަރުގެ ޙައްޖުގެ އަޅުކަން މީޑީއާގެ ޒަރީއާއިން ގެނެސްދިނުމަށްޓަކައި ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ފުރުޞަތު ދެއްވުމާއި ގުޅިގެން، މި ކޮމިޝަނުން ތިން (03) ކެންޑިޑޭޓުންގެ ނަން ވާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފައާޒް އަށް 15 ސެޕްޓަމްބަރ 2012 ގައި ފޮނުވާފައެވެ. އަދި މި ނަންތައް ސައުދީ ސަރުކާރާއި ހިއްސާކުރުމަށް އިސްލާމިކް މިނިސްޓްރީއިން 16 ސެޕްޓެމްބަރ 2012 ގައި ވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއަށް ފޮނުވާފައެވެ. ނަމަވެސް މިހާތަނަށްވެސް މިކަމުގެ އެޕްރޫވަލް ސަޢޫދީ ސަރުކާރުން ފޮނުވާފައި ނުވާތީއާއި އަދި މިއަހަރުގެ ހައްޖުގެ އަޅުކަން ފެށުމަށް ވަގުތު ކުޑަތަންވެފައި ވާތީ މިއަހަރު ރާއްޖޭގެ ބްރޯޑްކާސްޓަރަކަށް ދެއްވާ ޙައްޖު ދަތުރުގެ ކަންކަން ދެން ހަމަޖެހެންނޯންނާނެ ވާހަކަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މިކޮމިޝަނާއި ހިއްސާކުރައްވާފައިވާތީ، މި އަހަރުގެ ހައްޖު ދަތުރު ހަމަޖެހިފައި ނެތްކަން މިކޮމިޝަނުން ވާނީ ނޮމިނޭޓްކޮށްފައިވާ 3 ފަރާތަށް މިހާރު އަންގާފައެވެ.
އަދި ދަންނަވަމެވެ. މި ހައްޖު ދަތުރު ހަމަޖެހޭތޯ އެންމެ ފަހު ވަގުތާއި ޖެހެންދެން މި ކޮމިޝަނާއި، މިނިސްޓަރީ އޮފް އިސްލާމިކް އެފައާޒުން ވާނީ މަސައްކަތް ކޮށްފައެވެ.
24 އޮކްޓޯބަރ 2012