December 1, 2013
ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާއްމު ޝަރުތެއްކަމުގައިވާ ހިނގައިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ހުށެނޭޅުމުގެ ސަބަބުން އެޓޯލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ޓީވީ 5 ޕްރައިވެޓް ލިމިޓެޑާއި މެދު ފިޔަވަޅުއެޅުމަށް ޕްރޮސެކިއުޓަރ ޖެނެރަލަށް މިއަދު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފޮނުވައިފިއެވެ.
ތިރީގައި މިވަނީ މިކަމާއި ގުޅޭ ގޮތުން ކޮމިޝަނުން މިއަދު ޕްރޮސެކިއުޓަރ ޖެނެރަލަށް ފޮނުވި ސިޓީގެ މުޙިއްމު ބައިތަކެވެ.
“ޤާނޫނު ނަމްބަރ: 16/2010 (ބްރޯޑްކާސްޓްކުރުމުގެ ޤާނޫނު) ގެ ދަށުން ދޫކޮށްފައިވާ ބްރޯޑްކާސްޓްކުރުމުގެ ލައިސަންސްގެ ވެރިފަރާތްތަކުން ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 9 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ލައިސަންސް ދިނުމުގެ ޢާއްމު ޝަރުތުތަކަށް ތަބާވާންޖެހެއެވެ. މި ގޮތުން، ލައިސަންސް ލިބިފައިވާ ކޮންމެ ފަރާތަކުން ވެސް ހިނގައިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ވިދިގެން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހުށަހެޅުމަކީ ލައިސަންސް ދިނުމުގެ ޢާއްމު ޝަރުތެއް ކަމުގައި ބްރޯޑްކާސްޓްކުރުމުގެ ޤަވާއިދުގެ 9 ވަނަ މާއްދާގެ (ވ) ގައި ކަނޑައަޅާފައިވާ ކަމެކެވެ.
“ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް 2012 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމަށް މި ކޮމިޝަނުން އެކި ފަހަރު މަތީން އެންގުމުން ގިނަ ފަރާތްތަކަކުން ވަނީ އަހަރީ ރިޕޯޓް ހުށަހަޅާފައެވެ. ނަމަވެސް 16 މެއި 2012ގައި ލައިސަންސް ދޫކޮށްފައިވާ އެޓޯލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އާއި 18 އޭޕްރިލް 2012 ގައި ލައިސަންސް ދޫކޮށްފައިވާ ޓީވީ5 ޕްރައިވެޓް ލިމިޓެޑް އިން އަހަރީ ރިޕޯޓް ހުށަހަޅާފައި ނުވުމުން، 07 ނޮވެމްބަރ 2013 ގައި އެ ދެ ފަރާތަށް އިންޒާރު ދިނުމުން ވެސް އަހަރީ ރިޕޯޓް މިހާތަނަށްވެސް ހުށަހަޅާފައެއް ނުވެއެވެ.
“އިސްވެދިޔަ ކަންކަން އެހެން ހުރުމާއެކު، އަހަރީ ރިޕޯޓް ހުށަހަޅާފައިނުވާ ދެ ފަރާތާ މެދު ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 44 ވަނަ މާއްދާގެ (ޅ) ގެ ދަށުން ފިޔަވަޅު އެޅުމަށް މި ކޮމިޝަނުގެ އަޣުލަބިއްޔަތުން 27 ނޮވެމްބަރ 2013 ގައި ވަނީ ނިންމާފައެވެ. ވީމާ، މި ނިންމުން ތަންފީޒުކޮށް ދެއްވުމުގެ ގޮތުން އެޓޯލް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް އަދި ޓީވީ5 ޕްރައިވެޓް ލިމިޓެޑް، މި ދެ ފަރާތާ މެދު އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ދައުވާ ކޮށްދެއްވުން އެދި ހުށަހެޅީމެވެ.
“މަތީގައި ދެންނެވުނު ދެ ފަރާތަށް އަހަރީ ރިޕޯޓް ހުށަހެޅުމަށް އެކި ފަހަރުމަތީން އަންގައި ފޮނުވުނު ލިޔެކިޔުންތަކުގެ ކޮޕީ މި ސިޓީއާއެކު ފޮނުވީމެވެ. އަދި މި މައްސަލައާ ގުޅިގެން މަނިކުފާނަށް ބޭނުންފުޅުވާ އިތުރު މައުލޫމާތެއް ވާނަމަ އެ ކަން އަންގަވައިދެއްވުން ވެސް އެދެމެވެ.”