February 19, 2015
ނަންބަރު:02 427-BUR/CIR/2015/
ސަރކިއުލަރ
ހަމަނުޖެހުމަކަށް މަގުފަހިވެދާނެ ގޮތަށް އަމަލު ނުކުރުމަށް ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރުން
މިހާރު މާލޭގައި ކުރިއަށްގެންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ބްރޯޑްކާސްޓް މީޑިއާގެ ބައެއް ފަރާތްތަކުން ފޮނުވަމުންދާ ކޮންޓެންޓްގައި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފު ކޮންޓެންޓް ހިމެނޭ ކަމަށް ބެލެވޭތީ މި ކޮމިޝަނުން މި ދަނީ އެކަން ބަލަމުންނެވެ.
ވީމާ މިހާރު މާލޭގައި ކުރިއަށްގެންދާ ސިޔާސީ އެއްވުންތަކާ ގުޅިގެން، ޤައުމުގެ އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށާއި، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 55 ވަނަ މާއްދާއާ އެއްގޮތަށް ބްރޯޑްކާސްޓްކުރުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރަމެވެ.
އަދި ދަންނަވަމެވެ. މިފަދަ އެއްވުންތައް ކަވަރު ކުރުމަށް ހަރަކާތްތެރިވާ މީޑިއާގެ ހުރިހާ ފަރާތްތަކުން ވެސް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 54 ވަނަ މާއްދާއާ އެއްގޮތަށް އަމަލުކުރުމަށް މި ފުރުސަތުގައި ހަނދާންކޮށްދެމެވެ.
29 ރަބީއުލްއާޚިރު 1436
19 ފެބްރުއަރީ 2015