August 29, 2012
ނަންބަރު: 427-LCM/CIR/2012/10
ސަރކިއުލަރ
ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ އިން30 އޯގަސްޓް 2012 ގައި ނެރުމަށް ހަމަޖެހިފައިވާ ރިޕޯޓާ ގުޅިގެން ޤައުމުގައި އުފެދިދާނެ ސިޔާސީ އޮއިވަރުގެ ތެރޭގައި އަމަންއަމާންކަން ގެއްލި، ހަމަނުޖެހުމަކަށް ހިތްވަރު ލިބި، ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް އެންމަހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސް ކުރަމެވެ. މިއާ ޚިލާފަށް ބްރޯޑްކާސްޓްކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމުގައި ދަންނަވަމެވެ.
އަދި އެއްވުންތަކާއި މަގުމަތީގައި ހިންގާ ސިޔާސީ ޙަރަކާތްތައް ކަވަރުކުރުމުގައި ޤައުމުގެ ސަލާމަތީ ބާރުތަކަށް އެ ފަރާތްތަކުގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅޭގޮތަށް ޢަމަލު ނުކުރުމަށްވެސް މި ފުރުޞަތުގައި ބްރޯޑްކާސްޓަރުންނަށް ނަސޭޙަތްތެރި ވަމެވެ. ހަމަ އެފަދައިން އެއްވުންތަކާއި މަގުމަތީގައި ހިންގާ ސިޔާސީ ޙަރަކާތްތައް ކަވަރުކުރުމުގައި ހަރަކާތްތެރިވާ ހުރިހާ ބްރޯޑްކާސްޓަރުންނަށް ހަމަހަމަކަމާއެކު އެ ފުރުސަތު ދެއްވުމަށާއި ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާ ހަނިވެގެން ނުދާނެގޮތަކަށް އަމަލުތައް ބެހެއްޓެވުމަށް ޤައުމީ ސަލާމަތީ ބާރުތަކަށް މި ކޮމިޝަނުން އިލްތިމާސްކުރަމެވެ.
11 ޝައްވާލު 1433
29 އޯގަސްޓް 2012