އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ހަރަކާތްތައް ބްރޯޑްކާސްޓްނުކުރުން

November 13, 2013

                                 ނަންބަރު: 427-BUR/CIR/2013/15

ސަރކިއުލަރ

އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ހަރަކާތްތައް ބްރޯޑްކާސްޓްނުކުރުން

     ޤާނޫނު ނަންބަރު 2008/11 (އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނު) ގެ 44 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކެމްޕޭނުކުރުން މަނާ ގަޑިތަކުގައި ވަކި ކެނޑިޑޭޓުންނަށް ތާއީދުކޮށް، ބައެއް ބްރޯޑްކާސްޓަރުން ކޮންޓެންޓް ފޮނުވާކަމުގެ ޝަކުވާ އަދި، އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) އާ ހިލާފަށް ބައެއް ކެނޑިޑޭޓުންގެ އިންތިހާބީ ހައްޤަށް އުނިކަން އަންނާނޭ ފަދަ ކޮންޓެންޓް ފޮނުވަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށް ޤައުމީ އިލެކްޝަންސް ކޮމްޕްލެއިންޓްސް ބިއުރޯއިން ވަނީ މި ކޮމިޝަނަށް އަންގަވާފައެވެ.

     އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. އަދި އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން، އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެނޑިޑޭޓެއްގެ އިންތިހާބީ ހައްޤަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެންނުވާނެ ކަމަށާއި އަދި އެހެން ކެނޑިޑޭޓަކާ ބެހޭ ގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެން ވެސް ނުވާނެއެވެ.

   މަތީގައި ބަޔާންކޮށްފައިވާ ދެ މާއްދާއާ ހިލާފަށް ބްރޯޑްކާސްޓްކުރުމަކީ، ޤާނޫނެއްގެ ބާރު ކެނޑިގެންދާ ގޮތަށް ބްރޯޑްކާސްޓްކުރުން ކަމަށް ވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (2) އާ ޚިލާފު ކަމެއް ކަމަށް އަންގައި، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި މި ކަމަށް އިތުރަށް ސަމާލުވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

      09 މުޙައްރަމް 1435

      13  ނޮވެމްބަރ 2013