އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ހަރަކާތްތައް ބްރޯޑްކާސްޓްނުކުރުން

March 20, 2014

 ނަންބަރު:427-LGL/CIR/2014/4

ސަރކިއުލަރ

އިންތިޚާބާ ގުޅިގެން ކެމްޕެއިންކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިން ހަރަކާތްތައް ބްރޯޑްކާސްޓްނުކުރުން

22 މާރިޗު 2014 ގައި ބޭއްވުމަށް އިޢުލާންކޮށްފައިވާ ރައްޔިތުންގެ މަޖުލިސް އިންތިޚާބާ ގުޅޭގޮތުން ފޮނުވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އިމުގެ ތެރެއިން ފޮނުވާ ކޮންޓެންޓްކަމުގައި ހެދުމަށް އެންމެހާ ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދެމެވެ.

އަދި، އިންތިހާބުތަކާ ބެހޭ އާންމު ޤާނޫނުގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ. އަދި އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބުނާ ގޮތުން، އެއްވެސް ކެނޑިޑޭޓަކަށް ތާއީދު ހޯދުމަށް ކުރާ މަސައްކަތުގައި، އެހެން ކެނޑިޑޭޓެއްގެ އިންތިހާބީ ހައްޤަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ކޮށްގެންނުވާނެ ކަމަށާއި އަދި އެހެން ކެނޑިޑޭޓަކާ ބެހޭ ގޮތުން އެއްވެސް ދޮގު މައުލޫމާތެއް ބޭނުންކޮށްގެން ވެސް ނުވާނެއެވެ.

   މަތީގައި ބަޔާންކޮށްފައިވާ ދެ މާއްދާއާ ހިލާފަށް ބްރޯޑްކާސްޓްކުރުމަކީ، ޤާނޫނެއްގެ ބާރު ކެނޑިގެންދާ ގޮތަށް ބްރޯޑްކާސްޓްކުރުން ކަމަށް ވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (2) އާ ޚިލާފު ކަމެއް ކަމަށް އަންގައި، ރައްޔިތުންގެ މަޖުލީހުގެ އިންތިޚާބުގައި މި ކަމަށް ސަމާލުވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރަމެވެ.

 19 ޖުމާދަލްއޫލާ   1435

20 މާރިޗު      2014