އެއްވެސް ފަރާތެއްގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ބްރޯޑްކާސްޓް ނުކުރުމަށް އެންގުން

February 13, 2014

ނަންބަރު: 427-LCM/CIR/2014/2

ސަރކިއުލަރ

ދިއެފް.އެމް ޕްލަސް އާއި ދިޓީވީން އިއްޔެ ހެނދުނުން ފެށިގެން ބްރޯޑްކާސްޓްކުރި ކޮންޓެންޓްގައި، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތަޢުފީގުގެ ފޮޓޯ އެކޮޅުކޮޅުން ޖަހާފައިވާކަން މި ކޮމިޝަނަށް ފާހަގަކުރެވިގެން އެ މައްސަލަ ބަލަން ފަށައި، އަދި އެ މައްސަލަ ބަލައި ނިމެންދެން އެ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް އެ ދެ ސްޓޭޝަނަށް އެންގުމުން، އެ ކޮންޓެންޓް ނެގުމަށް ފަހު، ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދާއި އެމް.ޑީ.ޕީގެ ޗެއަރ ޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކުގެ ފޮޓޯ، އެކޮޅުކޮޅުން ޖަހައިގެން ރެއިން ފެށިގެން ބްރޯޑްކާސްޓްކުރަމުންދާކަން މި ކޮމިޝަނަށް ވަނީ ފާހަގަކުރެވިފައެވެ. އަދި މި މައްސަލަތައް ބަލައި ނިމެންދެން، އެއްވެސް ފަރާތެއްގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން ނުވަތަ، އެއްވެސް މީހެއްގެ ހުރުމަތް ކެނޑިދާ ފަދަ ނުވަތަ އިއްޒަތާއި ޤަދަރަށް އުނިކަމެއް އަތުވެދާ ފަދަ ނުވަތަ ނިކަމެތިކަމެއް ލިބިދާނެ ގޮތަށް  ބްރޯޑްކާސްޓް ނުކުރުމަށް އެ ދެ ސްޓޭޝަނަށް މި ކޮމިޝަނުން ވާނީ އަންގައިފައެވެ.

ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންގެ ފޮޓޯ، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް ބައެއް ޗެނަލްތަކުން މީގެ ކުރިންވެސް ބްރޯޑްކާސްޓްކުރުމުން އެ މައްސަލަތައް މި ކޮމިޝަނުން ބެލިއިރު، ބައެއް ޗެނަލްތަކުން ފޮނުވާފައިވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) އާ ޚިލާފު ކޮންޓެންޓް ކަމަށްވާތީ، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވެފައިވާ ފަރާތްތަކާ މެދު މި ކޮމިޝަނުން ވާނީ ފިޔަވަޅު އަޅައިފަ އެވެ.

ވީމާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ހަނދާންކޮށްދިނުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.

13 ރަބީޢުލްއާހިރު 1435

13 ފެބްރުއަރީ   2014