ފޮޓޯ އާއި އެ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައި ވެސް، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކުރުން

October 31, 2013

ނަންބަރު: 427-LCM/CIR/2013/13

ސަރކިއުލަރ

   ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންގެ ފޮޓޯ، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓްކުރަމުންދާކަމުގެ ޝަކުވާ މި ކޮމިޝަނަށް ލިބުމާ ގުޅިގެން، އެ މައްސަލަތައް ބެލިއިރު، ބައެއް ޗެނަލްތަކުން ފޮނުވާފައިވާ ކޮންޓެންޓަކީ ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެކުލަވާލާފައިވާ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) އާ ޚިލާފު ކޮންޓެންޓެއް ކަމަށް ނިންމައި، ބްރޯޑްކާސްޓްކުރުުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވެފައިވާ ފަރާތްތަކާ މެދު މި ކޮމިޝަނުން މިހާރު ވާނީ ފިޔަވަޅު އަޅައިފަ އެވެ.

   ނަމަވެސް، އެކިއެކި މުއައްސަސާތަކުގެ ވެރިންގެ ފޮޓޯތައް، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް ބައެއް ޗެނަލްތަކުން ބްރޯޑްކާސްޓްކުރަމުންދާކަމުގެ ޝަކުވާ މި ކޮމިޝަނަށް އަނެއްކާ ވެސް ވަނީ ލިބެން ފަށައިފަ އެވެ.

   ވީމާ، އެކިއެކި ފަރާތްތަކުގެ ފޮޓޯ އާއި އެ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގައި ވެސް، އެ ބޭފުޅުންގެ ގަދަރަށް އުނިކަން ލިބޭ ގޮތަށް، އަދި ޙަޤީގަތް އޮޅިގެންދާ ގޮތަށް ބްރޯޑްކާސްޓް ނުކުރުމަށާއި، ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގައި ކަނޑައަޅާފައިވާ ހަމަތަކާއި މިންގަނޑުތަކަށް ސަމާލުވުމަށް އެންމެހައި ބްރޯޑްކާސްޓަރުންނަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މި ފުރުސަތުގައި ވެސް އިލްތިމާސްކުރަމެވެ.

 26 ޛުލްޙިއްޖާ   1434

31 އޮކްޓޯބަރ   2013