October 26, 2020
ޝަކުވާ ހުށަހެޅި ތާރީޙް: 06 ފެބްރުވަރީ 2020
ހުލާސާ: މިއީ، ޑައިމަންޑްސް އަތުރުގާ ބީޗް ރިސޯޓްގައި ކޭބަލް ޓީވީގެ ޚިދުމަތްދެނީ ލައިސަންސް ނެތި އަދި ޗެނަލް ރައިޓްސް ނެތި ކަމަށާއި ރިސޯޓުގެ އާންމު ތަންތަނުގައާއި ސްޓަރފް ސަރަހައްދުގައި އެއަރޓެލް ޑިޝްޓީވީ ދޫކުރަމުންދާކަމަށް ބުނެ، ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން 08 ޖަނަވަރީ 2020 ގައި ބަލާ ނިންމާފައިވާ CAC-06/2019 މައްސަލަ މުރާޖަޢާކުރުމަށް ‘ސްޕެލެންޑާރ’ އިން އެދިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ޑައިމަންޑްސް އަތުރުގާ ބީޗް ރިސޯޓްގައި ކޭބަލް ޓީވީގެ ޚިދުމަތްދެނީ ލައިސަންސް ނެތި އަދި ޗެނަލް ރައިޓްސް ނެތި ކަމަށާއި ރިސޯޓުގެ އާންމު ތަންތަނުގައާއި ސްޓަރފް ސަރަހައްދުގައި އެއަރޓެލް ޑިޝްޓީވީ ދޫކުރަމުންދާކަމަށް ބުނެ، ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެން ކޮމިޝަނުން ބެލި ނަންބަރު CAC-06/2019 މައްސަލަ
08 ޖަނަވަރީ 2020 ގައި ނިންމާފައިވަނިކޮށް، އެ މައްސަލައިގެ ނިންމުން މުރާޖަޢާކޮށްދިނުމަށް ‘ސްޕެލެންޑާރ’ އިން އެދިފައިވާތީ، ކޮމިޝަނުން ބެލި ނަންބަރު REV-01/2020_CAC-06/2019 މައްސަލައިގައި ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛
ކޮމިޝަންގެ ނަންބަރު CAC-06/2019 މައްސަލައިގެ ތަޙުޤީޤީ މަރުހަލާގައި ކޮމިޝަންގެ ނަންބަރު
427-LCM/PRIV/2019/128 (13 ޖޫން 2019) ސިޓީއާ ހަވާލާދީ ޑައިމަންޑްސް އަތުރުގަ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓްއިން 21 ޖޫން 2019 ގައި ފޮނުވި ސިޓީގައި، ޑައިމަންޑްސް އަތުރުގަ ބީޗް ރިސޯޓުގައި ރީބްރޯޑްކާސްޓްކުރުމުގެ (ކޭބަލް ޓީވީގެ) ޚިދުމަތްދެމުން އަންނަކަމާއި ޚިދުމަތްދެމުން އަންނަނީ “ސްޕެލެންޑަރ” ކިޔާ ފަރާތަކުންކަމަށާއި، އެފަރާތުން ޑައިމަންޑްސް އަތުރުގަ ބީޗް ރިސޯޓުގައި ޚިދުމަތް ދޭން ފަށާފައިވަނީ ޖަނަވަރީ 2019 ގައި ކަމަށާއި، ޚިދުމަތުގައި ހިމަނާފައިވަނީ އެއަރޓެލް ޗެނަލްތައްކަމަށާއި، ރިސޯޓުގެ ފަރާތުން އެދިފައިވިއަސް ސްޕެލެންޑަރ އިން މިހާތަނަށް ޗެނަލް ރައިޓްސް އޮތްކަމުގެ ލިޔުން ހުށަހަޅާފައިނުވާކަމަށް ބަޔާންކޮށްފައިވީނަމަވެސް؛
މި މައްސަލަ (ކޮމިޝަންގެ ނަންބަރު REV-01/2020_CAC-06/2019 މައްސަލަ) ގެ ތަޙުޤީޤީ މަރުހަލާގައި
16 ފެބްރުވަރީ 2020 ގައި ޑައިމަންޓްސް އަތުރުގާ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓުއިން ފޮނުވި އީ-މެއިލްގައި، ރިސޯޓުގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިނުމަށް ސްޕްލެންޑަރ އާއެކު އެއްވެސް ބާވަތެއްގެ އެއްބަސްވުމެއް ވެވިފައިނުވާކަމަށާއި، ރީބްރޯޑްކާސްޓްކޮށްފައިވާ ޗެނަލް ލިސްޓްތަކުގެ އެއްވެސް ރެކޯޑެއް ނެތްކަމަށާއި، އެހެން ނަމަވެސް ސްޕެލެންޑަރ އިން ވިއްކާފައިވާ ޑިކޯޑަރތަކުގެ ބިލުގެ ތަފްސީލު އީ-މެއިލްއާއެކު ހިމަނާފައިވާނެކަމަށް ބަޔާންކޮށް، އެގޮތުން ސްޕެލެންޑަރ އިން ވިއްކާފައިވާ ޑީކޯޑަރގެ އަދަދަކީ 10 އެއް ކަމަށާއި، ޑީކޯޑަރެއްގެ އަގަކީ 235.845 ރުފިޔާކަމަށް ބަޔާންކޮށް، މި އީ-މެއިލްއާ އެކު ސްޕްލެންޑަރ އިން ވިއްކާފައިވާ ޑިކޯޑަރގެ ޓެކްސް އިންވޮއިސް އެއް ހުށަހަޅާފައިވާތީއާއި؛
ކޮމިޝަނަށް ލިބިފައިވާ މައުލޫމާތުތަކަށާއި، ކޮމިޝަންގެ ނަންބަރު CAC-06/2019 މައްސަލައިގެ ނިންމުމަށާއި، ކޮމިޝަންގެ ނަންބަރު CAC-06/2019 މައްސަލައިގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ފޯމާއެކު ހުށަހަޅައިފައިވާ ލިޔެކިޔުންތަކަށް ނަޒަރުކުރާއިރު، ޑައިމަންޑްސް އަތުރުގާ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓް އިން މައްސަލައިގެ ތަހުޤީޤަށް ހުށަހަޅާފައިވާ ޑިކޯޑަރު ވިއްކި ކަމުގެ ޓެކްސް އިންވޮއިސް އަކީ ސްޕްލެންޑަރ އިން ޑައިމަންޑްސް އަތުރުގާ ބީޗް އެންޑް ވޯޓަރ ވިލާސް ރިސޯޓްގައި ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ދިންކަން ސާބިތުކުރެވޭ މިންވަރުގެ ހެއްކެއްކަމަށް ކޮމިޝަންގެ ތަޙްޤީޤަށް ނުފެންނާތީ، ކޮމިޝަންގެ ނަންބަރު CAC-06/2019 މައްސަލައިގެ ނިންމުން ބާޠިލްކުރުމަށް ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
22 ސެޕްޓެންބަރު 2020