ޝަކުވާ ނިންމި ގޮތުގެ ބަޔާން (REV-01/2021_CAC-18/2020)

March 9, 2021

ޝަކުވާ ނަމްބަރު: REV-01/2021_CAC-18/2020

ޝަކުވާ ހުށަހެޅި ތާރީޚް: 09 ފެބްރުވަރީ 2021

ޚުލާސާ: މިއީ، ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ހދ.ނޮޅިވަރަންގައި ދޭކަމަށް ބުނެ ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް 25 ފެބްރުވަރީ 2020ގައި ހުށަހަޅައި، 26 ޖަނަވަރީ 2021ގައި ބަލައި ނިންމާފައިވާ ކޮމިޝަންގެ ނަންބަރު CAC-18/2020 މައްސަލަ، ކޮމިޝަނުން މުރާޖަޢާ ކުރުމަށް 09 ފެބްރުވަރީ 2021ގައި ނިންމުމާއި ގުޅިގެން ބަލާފައިވާ މައްސަލައެކެވެ.

ނިންމި ގޮތް: ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އެއަރޓެލް، ވީޑިއޯކޮން، ޑައިލޮގް އަދި އެހެނިހެން ވަސީލަތް މެދުވެރިކޮށް ޗެނަލްތައް ރިސީވްކޮށް ގަވާއިދާ ޚިލާފަށް ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތް ހދ.ނޮޅިވަރަންގައި ދޭކަމަށް ބުނެ ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ރައްދުވާގޮތަށް 25 ފެބްރުވަރީ 2020ގައި ހުށަހަޅައި، 26 ޖަނަވަރީ 2021ގައި ކޮމިޝަނުން ބަލައި ނިންމާފައިވާ ކޮމިޝަންގެ ނަންބަރު CAC-18/2020 މައްސަލަ، މުރާޖަޢާ ކުރުމަށް 09 ފެބްރުވަރީ 2021ގައި ކޮމިޝަނުން ނިންމުމާއި ގުޅިގެން ކޮމިޝަނުން ބެލި ނަންބަރު REV-01/2021_CAC-18/2020 މައްސަލައިގައި ޤާނޫނީ ހަމަތަކުގެ މަތިން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު؛

ކޮމިޝަންގެ ނަންބަރު CAC-18/2020 މައްސަލައިގެ ނިންމުމަށް ވާސިލުވުމަށްޓަކައި، ހުށަހަޅާފައިވާ ލިޔުންތަކުގެ އިތުރުން މައްސަލައާ ގުޅޭ އިތުރު ލިޔެކިއުންތަކެއް ބަދަލުކުރެވިފައިވާކަން ފާހަގަކުރެވި އިދާރީގޮތުން އެކަން ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައިވާތީއާ، އަދި  މިއީ ކޮމިޝަނުގެ އިދާރީ އޮޅުމަކުން (ކްލެރިކަލް މިސްޓޭކް) ހިނގާފައިވާ ކަމެއް ކަމަށް ވާތީއާ،

ކޮމިޝަންގެ ނަންބަރު CAC-18/2020 މައްސަލައިގެ ނިންމުން ބުރަވެފައިވަނީ، ސަންލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހދ.ނޮޅިވަރަންގައި ދޭ ރީބްރޯޑްކާސްޓްކުރުމުގެ ޚިދުމަތަށް ކޮމިޝަނުން ފާސްކޮށްފައިނުވާ ފީއެއް ނަގާފައިވާތީ، އެކަމުގެ މައްޗަށް ކަމަށް ވާއިރު، އެ ފީއަކީ ސަންލިލީ ކޮންޕެނި ޕްރައިވެޓް ލިމިޓެޑް އިން 07 އެޕްރީލް 2014ގައި ފާސްކޮށްދިނުމަށް އެދި ކޮމިޝަނަށް ހުށަހަޅައި، ކޮމިޝަނުން 21 އެޕްރީލް 2014ގައި ފާސްކޮށްދީފައިވާ ފީ އެއްކަން ބަދަލުކުރެވިފައިވާ ލިޔެކިއުންތަކުން ސާބިތުވާތީއާ،

ހުށަހަޅައިފައިވާ ލިޔެކިޔުންތަކަށް ނަޒަރުކުރާއިރު،  ގަވާއިދު ނަންބަރު 2019/R-179 (ރިބްރޯޑްކާސްޓްކުރުމުގެ ގަވާއިދު) އާ ސަން ލިލީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ޚިލާފުވެފައި ނުވާކަން ކޮމިޝަންގެ ތަޙްޤީޤަށް އެނގެން އޮތަތީ، ކޮމިޝަންގެ ނަންބަރު
CAC-18/2020 މައްސަލައިގެ ނިންމުން ބާޠިލްކުރުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ  އިއްތިފާޤުން މައްސަލަ ނިންމީއެވެ.

__________________________

09 މާރިޗް 2021