December 30, 2020
ޝަކުވާ ހުށަހެޅި ތާރީޙް: 30 ޖޫން 2020
ހުލާސާ: މިއީ، ރާއްޖެ ޓީވީން 16 މާރިޗު 2018 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ޤައުމުގެ އަމަންއަމާންކަން ނަގާލާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބެލެވޭތީ ކޮމިޝަނުން ބަލައި 08 އޮގަސްޓް 2018 ގައި ނިންމާފައިވާ ނަންބަރު IMCAC-02/2018 މައްސަލަ މުރާޖައާކޮށްދިނުމަށް އެދި ހުށަހަޅައިފައިވާތީ، ކޮމިޝަނުން ބަލާފައިވާ މައްސަލައެކެވެ.
ނިންމި ގޮތް: ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ ޗެނަލް “ރާއްޖެ ޓީވީން” 16 މާރިޗު 2018 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި، މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ޤައުމުގެ އަމަންއަމާންކަން ނަގާލާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބެލެވޭތީ ކޮމިޝަނުން ބަލައި 08 އޮގަސްޓް 2018 ގައި ނިންމާފައިވާ ނަންބަރު IMCAC-02/2018 މައްސަލައިގެ ނިންމުން މުރާޖަޢާކުރުމަށް ހުށަހެޅި މައްސަލައިގައި، މުޅި މައްސަލަ އަލުން މުރާޖައާ ކުރުމަށް ކޮމިޝަނުން ނިންމައި، ވަކިފަރާތަކަށް ބުރަނުވެ ކޮމިޝަނުން މުސްތަޤިއްލު ތަޙްޤީޤެއް
ކުރި ކުރުމުގައި މި މައްސަލައަށް ޖަވާބުދާރީވެ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ކަންކަމަށާއި، އަދި ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) އަށް ނަޒަރުކުރާއިރު،
ކުއްލި ނުރައްކަލުގެ ޙާލަތު ދިވެހިރާއްޖޭގައި އިޢުލާނުކޮށްފައިވީ މުއްދަތުގެ ތެރޭގައި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޙައްޤަކީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ޤަރާރުގެ ދަށުން ޤާނޫނުއަސާސީގެ ހިފެހެއްޓިފައިވާ ނުވަތަ ހަނިކުރެވިފައިވާ ޙައްޤަކަށްވާތީ، އެ ޙައްޤުގެ ބޭނުންކުރުމަށް ރައްޔިތުންނަށް ގޮވާލާ ދައްކާފައިވާ ވާހަކަ ހިމެނޭ ކޮންޓެންޓަކީ، އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ 9 ވަނަ މާއްދާ (ޤައުމީ ސަލާމަތަށް ނުރައްކާކުރުވާނެ ޚިޔާލުފާޅުކުރުން) ގެ (ހ) ގެ (1) ވަނަ ނަންބަރުގެ ދަށުން “ޤައުމުގެ ސިޔާދަތަށް ނުވަތަ އިސްތިޤްލާލަށް ގެއްލުން ލިބޭނެފަދަ ޚިޔާލުފާޅުކުރުން” ކަމަށް މަތީގައި ބަޔާންކުރާ ނުކުތާތަކަށް ރިއާޔަތްކޮށް، ބެލެވޭނެ ޖާގައެއް ނެތަތީއާއި،
“ޤާނޫނުއަސާސީ އާއި ޤާނޫނުގައިވާ ގޮތުގެމަތިން ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާ ދަނޑިވަޅެއްގައިވެސް، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހިފަހައްޓައިގެން ނުވާނެކަން ޤާނޫނު ނަންބަރު 15/2016 (އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ “އަސާސް” ކަމުގައި ބަޔާންކޮށް، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ކ)ގައި ބަޔާންކޮށްފައިވާތީ އާއި،
ރާއްޖެ ޓީވީން 16 މާރިޗު 2018 ވަނަ ދުވަހުގެ ރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓްކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމްގެ ކޮންޓެންޓްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމުގެ އަބުރު ގެއްލޭ ފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ކޮމިޝަންގެ ނަންބަރު IMCAC-02/2018 މައްސަލައިން ނިންމާފައި ވީނަމަވެސް،
ދައުލަތުގެ ކަމާބެހޭ މުއައްސަސާ ތަކުން ޢާންމުކޮށްފައިވާ ރިޕޯޓުތަކަށް ރިޢާޔަތްކޮށް ބެލިބެލުމުން، އެ ކޮންޓެންޓްގައި ހިމެނޭ ވާހަކަ ތަކަކީ ޤާނޫނު ނަންބަރު 2016/15 (އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ 15 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ އިމްތިޔާޒު ލިބިގެންވާ ވާހަކަތަކެއްކަމަށް ބެލެވޭތީ އާއި، އަދި ޤާނޫނު ނަންބަރު 15/2016 (އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު)ގެ ހުރިހާ ދަޢުވާ އެއްގެ ފުރިހަމަ ދިފާއެއްކަން ސާބިތުކޮށްދޭ ފުރިހަމަ ހުއްޖަތެއްކަމަށް ޤަބޫލުކުރެވެން އޮތަތީ،
މި މައްސަލަ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ސާބިތުނުވާކަމަށް ކަނޑައަޅައި، މި ކޮމިޝަންގެ ނަންބަރު IMCAC-02/2018 މައްސަލަ ބާޠިލްކުރުމަށް މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން މައްސަލަ ނިންމީއެވެ.
30 ޑިސެންބަރު 2020