ރާއްޖެ ޓީވީގެ މައްސަލަ ބަލަން ފުލުހުންގެ މައްޗަށް ކުރެއްވި އަމުރު ބާތިލްކުރެއްވުމަށް ސުޕްރީމް ކޯޓަށް އިލްތިމާސް ދަންނަވައިފި

October 27, 2013

ރާއްޖެ ޓީވީގެ ކޮންޓެންޓެއްގެ މައްސަލައެއް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރައްވާފައިވާ އަމުރު ބާތިލްކުރައްވައި އެ މައްސަލަ އަނބުރާ ގެންދެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށްް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން މިއަދު އިލްތިމާސް ދަންނަވައިފި އެވެ.

ތިރީގައި މި ވަނީ މި ކަމާ ގުޅިގެން، އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު ފާއިޒު ހުސައިން އަށް، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިއަދު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ.

“މަނިކުފާނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމަށް 2010/16 ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ނަމުގައި މިނިވަން މުއައްސަސާއެއް އުފައްދައި، ބްރޯޑްކާސްޓް ކޮންޓެންޓާ ގުޅުން ހުރި މައްސަލަތައް ބެލުމުގެ ޒިންމާއާއި މަސްއޫލިއްޔަތު ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި މޯލްޑިވްސް މީޑިއާ ކައުންސިލްގެ ޤާނޫނުގެ ދަށުން މިނިވަން 2 މުއައްސަސާއާ ވަނީ ހަވާލުކޮށްފައެވެ. ނަމަވެސް ބްރޯޑްކާސްޓްކުރި ކޮންޓެންޓެއްގެ މައްސަލަ ބެލުމަށް މި ދެ ޤާނޫނު ފަހަނަޅައި، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ސުޕްރީމް ކޯޓުން އަމުރެއް ކުރައްވާފައިވާކަމީ އެކަމާ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއް ކަމުގައި ދަންނަވަމެވެ.

“އަދި މި މައްސަލަ ބެލުމަށް ސުޕްރީމް ކޯޓުން މި ކޮމިޝަނަށް 21 އޮކްޓޯބަރ 2013ގައި ހުށަހެޅުއްވުމުން، އެ މައްސަލަ މި ކޮމިޝަނުން ބަލަމުންދާކަން 24 އޮކްޓޯބަރ 2013ގައި ސުޕްރީމް ކޯޓަށް ދަންނަވާފައިވަނިކޮށް، އެ މައްސަލަ ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމުރެއް ކުރެއްވިކަމީ ޤާނޫނު އަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ، ޑިމޮކްރެޓިކް މުޖުތަމައެއްގެ މައިގަނޑު އަސާސްތަކާ ހިލާފު ކަމެއް ކަމަށް މި ކޮމިޝަނުން ދެކެމެވެ.

“ވީމާ މަތީގައި ދަންނަވާފައިވާ މައްސަލަ، ބްރޯޑްކާސްޓްކުރުމުގެ ޤާނޫނުގެ ދަށުން މި ކޮމިޝަނުން ބަލަމުންގެންދާތީ، މި މައްސަލަ ބެއްލެވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސުޕްރީމް ކޯޓުން ކުރެއްވި އަމުރު ބާތިލްކުރައްވައި އެ މައްސަލަ އަނބުރާ ގެންދެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިލްތިމާސް ދެންނެވުމަށް މި ކޮމިޝަނުގެ އިއްތިފާޤުން ނިންމާފައިވާތީ މި ވާހަކަ ދެންނެވުމަށް މި ފުރުސަތުގެ ބޭނުންކުރަމެވެ.”