ރާއްޖެޓީވީ ހުއްޓުވަން ސަރުކާރުން މަސައްކަތްކުރާ ކަމަށް ތުހުމަތުކޮށް ފަތުރަމުންދާ ޚަބަރާ މެދު ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ބަލައިދިނުމަށް ފުލުސް އޮފީހަށް ހުށަހަޅައިފި

October 6, 2013

ރާއްޖެޓީވީ ހުއްޓުވަން ނިންމައިފައި ވަނީ ޑިފެންސް މިނިސްޓްރީ އާއި ހޯމް މިނިސްޓްރީން އެޓާނީ ޖެނެރަލް މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުން ކަމަށް ބަޔާންކޮށް ފަތުރަމުންދާ ޚަބަރާ މެދު މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށް އެ މައްސަލަ ބަލައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހަޅައިފި އެވެ.

ތިރީގައި މި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު، ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަށް މިއަދު ފޮނުއްވި ސިޓީގެ މުހިންމު ބައިތަކެވެ. މި ސިޓީ ވަނީ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށާއި ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީ އަށާއި ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީ އަށް ކޮޕީކޮށްފަ އެވެ.

“ރާއްޖެ ޓީވީ ހުއްޓުވަން ނިންމާފައި ވަނީ ޑިފެންސާއި ހޯމް މިނިސްޓްރީން އޭޖީ މެދުވެރިކޮށް ހޯދާ ކޯޓު އަމުރެއްގެ ދަށުން” ކަމަށް ބަޔާންކޮށް 06 އޮކްޓޯބަރ 2013 (އާދިއްތަ) ދުވަހުގެ އުދަރެސް އޮންލައިންގަ އާއި ސޯޝަލް މީޑިއާގައި ފަތުރަމުންދާ ޚަބަރަކީ މި ކޮމިޝަނުން ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމުގައި ދެންނެވީމެވެ. އަދި އެއްވެސް ބްރޯޑްކާސްޓަރަކާ މެދު ފިޔަވަޅު އަޅައި ލައިސަންސް ހިފެހެއްޓުމަކީ މި ކޮމިޝަންގެ ޤާނޫނީ ޒިންމާއެއް ކަމަށް ވާހިނދު، އެފަދަ ކަމެއް އެހެން އެއްވެސް ފަރާތަކަށް ކުރެވޭނެ ކަމަކަށް މި ކޮމިޝަނަކުން ނުދެކެމެވެ.

“އެހެންކަމުން އެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ކަންކަމުގެ ހަޤީޤަތް ވެވަޑައިގެން އަވަސް ފުރުސަތެއްގެ ތެރޭގައި ބައްލަވައިދެއްވައި، ހަމަޖެހިފައިވާ އުސޫލުގެ މަތީން ފިޔަވަޅު އަޅުއްވައިދެއްވުން އެދި ދެންނެވީމެވެ. އުދަރެސް އޮންލައިންގައި ޝާޢިއުކޮށްފައިވާ ރިޕޯޓްގެ ކޮޕީއެއް މި ސިޓީއާއެކު ފޮނުވަމެވެ.

“އަދި މިކަމާ މެދު މަނިކުފާނާ އިތުރަށް މަޝްވަރާކޮށްލުމަށް ބޭނުންވާތީ، ވެވަޑައިގެން އަވަސް ފުރުސަތެއްގެ ތެރޭގައި އެޕޮއިންޓްމަންޓެއް ހަމަޖައްސަވައިދެއްވުން އެދި ދެންނެވީމެވެ.”